އެމްއެމްއޭ
އެމްއެމްއޭ
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފައިސާ މާރުކުރުމުގެ އިލްތިޒާމުތަކަށް ފުރިހަމައަށް އަމަލުނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އާންމުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ކޮންމެ މީލާދީ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީ، ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭނެއެވެ. މި ސުންގަޑީގެ ކުރިން މި އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، އެފަދަ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

މިކަމާ ގުޅިގެން މިއަހަރުގެ ސެޕްޓެންބަރު މަހު ގެޒެޓުކުރެވުނު އިސްލާހުތަކާ އެކު، ބޭރު ފައިސާ މާރުކުރުމަށް ލިބެމުންދިޔަ މުއްދަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެކުރިން ތިން މަސްދުވަހުގެ ތެރޭގައި މާރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މުއްދަތު މިހާރު ވަނީ އެއް މަސްދުވަހަށް ކުރުކޮށްފައެވެ. މިސާލަކަށް، ސެޕްޓެންބަރު މަހުގެ އާމްދަނީ މީގެކުރިން ޑިސެންބަރު 28 ގެ ނިޔަލަށް މާރުކުރަން ފުރުސަތު އޮތް ނަމަވެސް، މިހާރު ގެނައި ބަދަލާއެކު އެ މަހުގެ އާމްދަނީ އޮކްޓޫބަރު 28 ގެ ކުރިން މާރުކުރަންޖެހެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި، ރަޖިސްޓަރީ ކުރުމުގެ އުސޫލުތައް ވެސް ހިމެނެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްނުވާ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު، 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ.

ހަމައެއާއެކު، ގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމު ފުރިހަމަކުރުމަށްޓަކައި ހާއްސަ އެކައުންޓެއް ކަނޑައަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ރަޖިސްޓަރީ ކުރާއިރު އެ ހާއްސަ އެކައުންޓުގެ މައުލޫމާތު ހިމަނަންޖެހޭ ގޮތަށް ވަނީ ގަވާއިދުތަކަށް ބަދަލު ގެނެސްފައެވެ. މި ބަދަލުތަކުގެ މަޤްސަދަކީ، ރާއްޖޭގެ ބޭރު ފައިސާގެ މާރުކުރާ ނިޒާމު ހަރުދަނާކޮށް، ގަވާއިދަށް ފުރިހަމައަށް އަމަލުކުރުން ކަށަވަރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު