ފަވަރަ އިފްތިތާޙް ކުރުމުގެ ޙަފްލާގެ ތެރެއިން-
ފަވަރަ އިފްތިތާޙް ކުރުމުގެ ޙަފްލާގެ ތެރެއިން-
ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން "ނެޝަނަލް ޕޭމަންޓް ސްވިޗް" ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދިނުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، 2026 އޯގަސްޓް 17 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފާސް ކޮށްފައިވާ ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މާލީ އޮނިގަނޑު (ފައިނޭންޝަލް އިންފްރާސްޓްރަކްޗާ) އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި، ނެޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމްކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. އެގޮތުން، ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

މިއިސްލާހުގައިވާ ގޮތުން، ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމުގައި ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްއެމްއޭއަށް ލިބިގެންދާނެއެވެ. އަދި އެ ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާފައިވާ ވަކި ސިސްޓަމެއް މެދުވެރިކޮށެވެ.

ގާނޫނަށް މި އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރިއިރު، ސަރުކާރުން މިހާރު އެންމެ އިސްކަމެއްދީގެން ބޭނުންކުރަމުން އަންނަނީ "ފަވަރަ" ޕޭމަންޓް ސިސްޓަމެވެ. ރާއްޖޭގެ ބޭންކުތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް ފަވަރަ މެދުވެރިކޮށް ޕްރޮސެސް ކުރަމުން އަންނައިރު، އަވަށްޓެރި އިންޑިއާގެ "ޔޫޕީއައި" ޕޭމަންޓް ސިސްޓަމާ މިފަހުން ގުޅާލާފައިވަނީ ވެސް ފަވަރަ ސިސްޓަމެވެ.

މަޖިލީހުން ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނަށް ގެނެވޭ މި ބަދަލުތަކާ އެކު، ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ އެންމެހައި ފަރާތްތަކުން ނެޝަނަލް ޕޭމަންޓް ސްވިޗްގައި ބައިވެރިވާން ލާޒިމުވާނެއެވެ. ނަމަވެސް، ހިދުމަތްދޭ ފަރާތްތަކަށް އެ ނިޒާމަށް ބަދަލުވުމުގެ މަރުހަލާގައި ދަތިކަމެއް ނެތި ކުރިއަށްދިއުމަށްޓަކައި، އިންތިގާލީ އިންތިޒާމެއްގެ ދަށުން ހިދުމަތް ދިނުމުގެ ހުއްދަ އެމްއެމްއޭއިން ދޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ، މި ބިލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމާއެކު، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި އިޞްލާޙަށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް