ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ އާރް ކަޕޫރު އަދި ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު އަމަރު ބުތާލާ ގުޅިގެން، ޑައިރެކްޓަރު ސާޖިދު ޚާންގެ އާ ބިރުވެރި މަޖާ (ހޮރޯ-ކޮމެޑީ) ފިލްމު "ހީރޯ ކީ ހޮރޯރިން" ސިނަމާތަކަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

މި ފިލްމަކީ ޖޭ ހޯ މީޑިއާ ވެންޗާސްގެ ޕްރޮޑަކްޝަނެކެވެ. އަދި މި ފިލްމު ޕްރެޒެންޓް ކުރަނީ ބާލާޖީ ޓެލެފިލްމްސް ލިމިޓެޑުންނެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޝޯބާ ކަޕޫރު، އެކްތާ އާރް ކަޕޫރު އަދި އަމަރު ބުތާލާއެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަ

ނީ 7 ޖެނުއަރީ 2027 ގައެވެ.

އެކްތާ ކަޕޫރަކީ އެކި ވައްތަރުގެ ފިލްމުތައް އުފެއްދުމުގައި ނަންވިދާފައިވާ ފަރާތަކަށް ވާއިރު، ހޮރޯ-ކޮމެޑީ ޖޯންރާގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިއަހަރު ނެރުނު "ބޫތު ބަންގްލާ" އަކީ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. "ހީރޯ ކީ ހޮރޯރިން" އަކީ ބިރުވެރިކަމާއި، މަޖާ ކަންކަމާއި، ލޯބި އަދި މުނިފޫހިފިލުވުން އެއްހަމައެއްގައި ހިމަނައިގެން ބެލުންތެރިންނަށް ގެނެސްދޭ ތަފާތު ފިލްމަކަށް ވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މި ފިލްމުގައި އެކްތާއާއެކު މަސައްކަތްކުރާ އަމަރު ބުތާލާ އަކީ މީގެ ކުރިން "ބަޖްރަންގީ ބައިޖާން"، "ކޭސަރީ" އަދި ކްރިޓިކުންގެ ތައުރީފު ލިބުނު "މިޝަން މަޖްނޫ" ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ފަރާތެކެވެ.

ޑައިރެކްޓަރު ސާޖިދު ޚާންގެ އިރުޝާދުގެ ދަށުން އުފައްދާ މި ފިލްމުގެ މުހިންމު ރޯލުތަކުން ތަޖުރިބާކާރު އަދި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޔަޝްވަރްދަން އަހޫޖާ، ނިތާންޝީ ގޯޔަލް، ސުނީތާ އަހޫޖާ، ޖެމީ ލީވަރ، ޗަންކީ ޕާންޑޭ، ބްރިޖެންދުރަ ކަލާ އަދި ސިމްރަތު ކޯރު ރަންދާވާ ހިމެނެއެވެ.

މި ފިލްމަކީ ޒުވާން އެކްޓަރު ޔަޝްވަރްދަން އަހޫޖާ ލީޑް އެކްޓަރެއްގެ ގޮތުގައި ހިންދީ ސިނަމާއަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ. އަދި އޭނާއާއެކު ލީޑް ބަތަލާގެ ރޯލުން ފެނިގެންދާނީ ހުނަރުވެރި ބަތަލާ ނިތާންޝީ ގޯޔަލްއެވެ. މި ޒުވާން ދެ ތަރިންނާއެކު ބޮލީވުޑްގެ ތަޖުރިބާކާރު ކޮމެޑީ ތަރިން އެކުލެވޭ މި ފިލްމަކީ 2027 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ އުންމީދީ އެއް ހޮރޯ-ކޮމެޑީ އެންޓަޓެއިނަރެވެ.



ކިޔުންތެރިންގެ ހިޔާލު