ރަޖްނީކާންތު: ޖެއިލާގެ މަންޒަރެއްގައި
ރަޖްނީކާންތު: ޖެއިލާގެ މަންޒަރެއްގައި
އިންޑިއާގެ ސިނަމާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ސުޕަސްޓާރު ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު 'ޖެއިލަރ 2' ގެ އޯޓީޓީ (ސްޓްރީމިންގ) ރައިޓްސް ރެކޯޑު އަގަކަށް ވިއްކާލައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މުނިފޫޒު ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި ދެއްކުމުގެ އިތުރުން ވިއްކާލެވުނު އެންމެ އަގުބޮޑު (ނޮން-ތިއޭޓްރިކަލް) ޑީލްގެ ގޮތުގައި 'ޖެއިލަރ 2' ވަނީ ރެކޯޑު ހަދާފައެވެ. މިގޮތުން ސްޓްރީމިންގ ޕްލެޓްފޯމަކަށް މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލާފައިވަނީ 160 ކްރޯޑު ރުޕީސްގެ ބޮޑު އަގަކަށެވެ. މިއީ މީގެ ކުރިން 'ކިންގް' އަދި 'ލިއޯ' ފަދަ ކާމިޔާބު ފިލްމުތަކުން ހަދާފައިވާ ރެކޯޑުތައް ފަހަނައަޅައި، ތަމަޅަ ސިނަމާގެ ތާރީޚުގައި ވެސް ސްޓްރީމިންގ ރައިޓްސް މިހާ ބޮޑު އަގަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ.

ސިނަމާގައި ބަތަލެއްގެ ގޮތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަންކުރަމުން އަންނަ ރަޖްނީކާންތުގެ މި ފިލްމަކީ، 2023 ވަނަ އަހަރު ބޮޑު ތަރުހީބެއް ލިބުނު ފިލްމު 'ޖެއިލަރ' ގެ ދެވަނަ ބައެވެ. މި ފިލްމު ވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި ކުޅަދާނަ ޑައިރެކްޓަރު ނެލްސަން ދިލީޕްކުމާރެވެ. މިއީ މިއަހަރުގެ ތެރޭގައި ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

މި ފިލްމުގައި ރަޖްނީކާންތު އަނެއްކާވެސް ފެނިގެންދާނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކެރެކްޓަރ ކަމަށްވާ 'ޓައިގަރ މުތުވޭލް' ގެ ރޯލުންނެވެ. ޚަބަރުތައް ބުނާގޮތުގައި، މިއަހަރުގެ އޮކްޓޯބަރު މަހު މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމު ޕްރޮމޯޓްކުރުމުގެ ކެމްޕޭން ފެށުމަށް ފިލްމު އުފައްދާ ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މި ތާރީޚީ ޑީލްގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ޑީލުން ދައްކުވައިދެނީ އޯޓީޓީ ޕްލެޓްފޯމްތަކުގައި ވެސް ސުޕަސްޓާރު ރަޖްނީކާންތުގެ ފިލްމުތަކަށް އޮތް ޑިމާންޑާއި އޭނާގެ މަގުބޫލުކަމަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް