ޝާހިދާއި، އައްޑޫ ޑަބްލިއުޑީސީގެ ރައީސާ
ޝާހިދާއި، އައްޑޫ ޑަބްލިއުޑީސީގެ ރައީސާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިޢުލާނުކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދަށް، ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ މާލެ އާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތާއީދު ލިބިވަޑައިގެންފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ޢާއިޝަތު ރީޝާ އާއި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާ ފާތިމަތު ހިޖުރާ ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ތާއީދުކުރައްވާކަން ހާމަކުރަށްވާފައެވެ. މީގެ އިތުރުން، އައްޑޫ އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް މިހާރު ވަނީ ޝާހިދަށް ތާއީދު ކުރަށްވާކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ޝާހިދު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވީ ކެމްޕެއިން ފެށުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. މި ނިންމެވުމާއެކު ޝާހިދު ވަނީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ވޭތުވެދިޔަ ހުކުރު ދުވަހު ޝާހިދު ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތް ކުރަށްވައި، އެ ސިޓީގެ އެމްޑީޕީގެ އިސް ފަރާތްތަކާއި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރަށްވައި، ޕާޓީގެ ކުރިމަގާއި ސިޔާސީ މިސްރާބާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފައެވެ.

ޝާހިދު ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން ރަސްމީކޮށް އިޢުލާނުކުރެއްވުމާ ގުޅިގެން، ޕާޓީގެ އާންމު ގިނަ މެންބަރުންނާއި އެކި ދާއިރާތަކުގެ އިސް ބޭފުޅުންގެ ތާއީދު އޭނާއަށް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ކަމަށް ޝާހިދުގެ ކެމްޕޭން އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު