ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން އިތުރު ޓެކްސް ނެގުމުގެ ކުރިން އެކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލަށްވައިފިއެވެ.

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރަށްވަމުން މައުރޫފް ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހަކީ ޒަމާނަށް އަންނަ ބަދަލުތަކާއެކު އަބަދުވެސް މުރާޖާކޮށް އިސްލާހުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޓެކުހުން މަކަރު ހެދުމުގެ ފުރުސަތު ހަނިކުރުމަށް ގާނޫނުތަކަށް އިސްލާހުތައް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެފަދަ ގާނޫނުތައް ހަދައި ގާނޫނުތައް އިސްލާހު ކުރާއިރުއެކަމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްކުރުމާއެކު ވެސް ގިނަ ވިޔަފާރިތަކަކަށް އޭގެ އަސަރު ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަސަރަުކުރަނީ ކޮން ފަރާތްތަކަކަށްކަން، ކޮން ވިޔަފާރިތަކަކަށްކަން އެގެންޖެހޭ. އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމަށްވާ ނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އޭގެ ޖޫރިމަނާ ނުވަތަ އޭގެ ގެއްލުމާ ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނައިން އާދޭ." މައުރޫފް ވިދާޅުވި އެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ހުށަހެޅި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި އޮންލައިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގޭނެ ގާނޫނީ އުސޫލުތައް ކަނޑައެޅުމެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ދާއިމީ ވިޔަފާރި ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދޭތާ 3 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ތައްޔާރުކުރުން ލާޒިމު ކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ އޮފްޝޯ ވިޔަފާރިތަކުން ރާއްޖޭގައި ޚިދުމަތް ދިނުމުގައި އަގު ނަގާނެ ގޮތުގެ ތަފުސީލުތައް ހިމެނުމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

މި ބިލާއެކު ހުށަހަޅާފައިވާ ކޯސްޓް އެސްޓިމޭޓަށް ބަލާއިރު، މި ނިޒާމު ގާއިމުކުރުމަށް ދައުލަތުން އެއްފަހަރާ ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވެއެވެ.

އޮފްޝޯ ޕްލެޓްފޯމުތައް މީރާގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަން ފަށާނީ، އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ. މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން، ދައުލަތަށް އަހަރަކު 16 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް