މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަމާއު އަޙްމަދު ނަޖީބާއި، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޝަމްޢޫން ޙަމީދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ، ސެޕްޓެންބަރު 14، 2021 ގައި އެޗްއާރްސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ސަމާއު އަޙްމަދު ނަޖީބުގެ 5 އަހަރުގެ ދައުރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އިސްކަންދެއްވާފައިވާ ތަރުތީބުން ބަލާއިރު، އެންމެ ފުރަތަމަ ނަންފުޅެއްގެ ގޮތުގައި ހިމަނުއްވާފައިވަނީ ޝަމްޢޫން ޙަމީދުގެ ނަމެވެ.

މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ މި ދެ ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.

ސަމާއު އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ، ގާނޫނީ ދާއިރާގެ ބޭފުޅެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި ސްޓޭޓް އެޓާނީ އަދި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން 2010 އިން 2011 އަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ އެޓޭޗޭއެއްގެ މަގާމު ފުރުއްވުމުގެ އިތުރުން، އދ. ގެ ޔޫއެންސީއޭސީއަށް ރާއްޖެއިން ކަނޑައެޅި މާހިރުންގެ ޓީމުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އަދި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެތައް ސެމިނާތަކަކާއި ވޯކްޝޮޕްތަކެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޝަމްޢޫން އަކީ 1986 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ތަފާތު އެކި ވުޒާރާތަކާއި އިދާރާތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވަރސިޓީން ބެޗެލާ އޮފް މިއުޒިކް އަދި ޔުނިވަރސިޓީ އޮފް ސިޑްނީން މާސްޓާ އޮފް މިއުޒިކް ފުރިހަމަކުރައްވާފައެވެ. ހިންގުމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝަމްޢޫން ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް (އަމީންއާންމު) ކަމާއި، ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ޑިރެކްޓަރު ޖެނެރަލްކަން ހިމެނެއެވެ. އަދި އެންމެ ފަހުން އޭނާ އަދާކުރެއްވީ ކުރީގެ ސަރުކާރުގައި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް