ރާއްޖެއަށް މިއަދު ބޭނުންވަނީ ގައުމުގައި ވެފައި އޮތް ގޮތް ބަލައި ގަބޫލުކޮށް، ކަންކަން ވަމުންދާ ގޮތް ހޯދައި، ކުރިއަށް އޮތް ތަނުގައި ވާންވީ ގޮތުގެ ސަރީހަ ތަސައްވުރާއި ބުންވަރު ހުރި ސަރުކާރެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިރޭ އިއުލާންކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވުމަށްފަހު، އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުކުރުމަކީ ދުނިޔޭގެ އާޖުފާޖު ދަންނަ، ގާބިލު ބަޔަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މި ނިކަމެތި ހާލަތު އަނެއްކާވެސް ބަދަލުކޮށްދެވޭނީ އެމްޑީޕީއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ތިން ޖީލު އެއް ކޮޓަރިއަށް ފިތިގެން ދިރިއުޅެމުންދާއިރު، ރައްޔިތުން ދަނީ އިންތިހާއަށް ބިކަވަމުންނެވެ. އަދި ގައުމީ ދަރަނި އަޑިނޭނގޭ ވަރަށް ފުންވެ، ލޯނުތަކުގެ ދަންތުރައިގައި މުޅި ގައުމާއި މުޅި ޖީލުތައް ދަންމަޅިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މަސްތުވާތަކެތީގެ ވަބާގައި އާއިލާތަކުގެ އުއްމީދީ ނޫރުތައް މިއަދު ވަނީ އަނދިރިވެފައި. ސިޔާސީ ނޫން ވަޒީފާއެއް ނުވަތަ ސިޔާސީ ވިސްނުމަކުން ނޫން ގޮތަކަށް ގައުމީ ތަރައްގީގެ ނާރެހުން މިއަދު ފެންނާކަށް ނެތް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އާންމު ކޮންމެ ރައްޔިތެއްގެ ހެނދުނާއި، މެންދުރު އަދި ހަވީރާއި ރޭގަނޑު ނިމިގެންދަނީ މާޔޫސްކަމުގައި ކަމަށާއި، މިއީ "ދިރިއުޅުމުގެ" ބަދަލުގައި "ދިރިތެޅެން" ޖެހިފައިވާ ހާލަތެއް ކަމަށެވެ. އަދި ދެ ވަޒީފާ އަދާކޮށްގެންވެސް ދެކޮޅު ނުޖެހޭތީ، ހަފުތާ ބަންދުގެ ހުކުރު ދުވަސްވެސް މިއަދު ވެފައިވަނީ އާއިލީ އުފާވެރިކަމުގެ ދުވަހެއްގެ ބަދަލުގައި އެކި މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހޭ ދުވަހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދެބަސްވެެވެން ނެތް ގައުމީ ހަގީގަތެއް ކަމަށާއި، ރައްޔިތުން އުޅެމުންދާ މި ނިކަމެތި ހާލަތު ބަދަލުކުރުމަށްޓަކައި އެމްޑީޕީގެ ވަރުގަދަ ސަރުކާރެއް ގާއިމުކުރުން މުހިންމު ކަމަށް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު