ލޫޓުވައިފި މުޒާހަރާގެ ތެރެއިން
ލޫޓުވައިފި މުޒާހަރާގެ ތެރެއިން
ރައްޔިތުންގެ އާމްދަނީއަށް ކުރިއެރުމެއް ނުލިބި، މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ މަގުތައް ބަންދުވެފައިވާއިރު، މި ސަރުކާރުން ބޮޑުކުރި ހަމައެކަނި އެއްޗަކީ ތަކެތީގެ އަގުކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންތިޒާމުކުރި "ދަތިވެއްޖެ" އިހުތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ މިހާރުގެ އިގްތިސާދީ ހާލަތަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވާރޭގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ތިބީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެ، ކަންބޮޑުވުންތައް އިތުރުވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވެރިކަމަށް އައުމަށް ސަރުކާރުން ދެއްކި އުންމީދީ މަންޒަރުތައް މިހާރު ވަނީ ނާއުންމީދަށް ބަދަލުވެފައެވެ. އެގޮތުން މީގެ ކުރިން 100 ރުފިޔާއަށް ލިބެމުން އައި ތަކެތީގެ އަގު މިހާރު 122 ރުފިޔާއަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ 13 އަހަރުގެ ތެރޭގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔައީ މި ސަރުކާރުގެ ދައުރުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، އާންމު މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން އައްޔަންކުރަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސްރާފުކުރުމުގެ ސިޔާސަތަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ނާކާމިޔާބުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އެދުމާ އެއްގޮތަށް އެމްޑީޕީގެ ވެރިކަމެއް އަލުން އިއާދަކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު