ޤައުމީ އިނާމު ދިނުމުގެ ޖަލްސާ 2025
ޤައުމީ އިނާމު ދިނުމުގެ ޖަލްސާ 2025
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، ހއ. އުތީމުގައި ބޭއްވުމަށް ހަމަޖައްސަވައި، އެ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާނެކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޝަރަފުވެރި ޖަލްސާ އޮންނާނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޖުމްލަ 4 ފަރާތަކަށް ލިބިވަޑައިގަންނަވައެވެ. އެއީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އެއް ބޭފުޅެއްގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އެރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތައް، މި ދުވަހުގެ ބަތަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުގެ އުފަން ރަށް ކަމަށްވާ އުތީމުގައި ބޭއްވުމަކީ، ޤައުމީ ފެންވަރުގައި މި ދުވަހުގެ ޒިކުރާ އާކޮށް، ޤައުމަށް ޚިދުމަތްކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމަށް ލިބޭ ވަރަށް ޚާއްޞަ ފުރުޞަތެކެވެ.



ކިޔުންތެރިންގެ ހިޔާލު