ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

ވަޒީރު ސަޢީދު މިކަމަށް ގޮވާލެއްވީ "އެކްސް" ގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.

އެމްޑީޕީގެ އިސްފަރާތްތަކަށާއި، ހާއްސަކޮށް ނިމިދިޔަ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އަމާޒުކުރައްވައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، އިޤްތިޞާދީ އިތުބާރު ނަގާލަން ކުރާ މަސައްކަތަކީ ޤައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ.

"އެމްޑީޕީއަށް ލިބުނު ފުރުސަތުގައި މިއިން ކަމެއް ރަނގަޅުކުރަން ކުރި އެންމެ ކަމެއްވެސް ދައްކަވާ! ނެތް." ސަޢީދު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ, އެމްޑީޕީ ސަރުކާރުން ވަކި އިންތަކެއް ނެތި ފައިސާ ޗާޕުކުރުމަކީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަޞްލު ނުވަތަ "ގޯހުގެ ފެށުން" ކަމަށެވެ. އެކަންކަން ފޫބައްދައި، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނިން ބައެއް ދައްކައި، ޤައުމަށް އިޤްތިޞާދީ ހަމަޖެހުން ގެނައުމަށް މިހާރުގެ ސަރުކާރުން ދަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށް ސަޢީދު ވިދާޅުވިއެވެ.ސަޢީދު އިތުރަށް ވިދާޅުވީ، ސަރުކާރުން އިޤްތިޞާދު ހަމައަކަށް އަޅުވައި ޤައުމަށް ހަމަޖެހުން ގެންނަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް މަސައްކަތް ކުރަމުންދަނީ އިތުރު ގޯސްތަކެއް ހަދައި އިޤްތިޞާދީ ރައްކާތެރިކަން ނަގާލުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު