މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރައިގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މެންބަރު ކުޑޫ އިއްޔެ ފުލުހުންނަށް ފޮނުއްވި މި ސިޓީގައި ފާހަގަކުރައްވާފައިވަނީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަސައްކަތުގެ މާހައުލުގައާއި އާންމު ތަންތަނުގައި އަންހެނުންނަށް ފުރައްސާރަކޮށް، އަބުރަށް އަރައިގަތުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އަންހެން މުވައްޒަފަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް، ފިރިހެނަކު އޭނާއާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުރައްސާރަކުރި މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ދޮގު ތުހުމަތުތައް އަޅުވައި، އޭނާގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު ފަތުރާފައިވާ މައްސަލަވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

ކުޑޫގެ ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މީހަކަށް އުނދަގޫވާނެކަން ނުވަތަ ބިރުހީވާނެކަން އެނގިހުރެ، އާންމު ތަނެއްގައި ހަޑިހުތުރު ބަހުން މުއާމަލާތުކުރުމާއި ވަކި މީހެއްގެ ފަހަތުން ދިއުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖިނާއީ ކުށެކެވެ. އާންމު ތަންތަނުގައި ކުރެވޭ މިފަދަ ގޯނާތަކާއި އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމަކީ ފުލުހުންގެ ގާނޫނީ ޒިންމާއެއްކަން ފާހަގަކުރައްވަމުން، މެންބަރު ވިދާޅުވީ މިފަދަ ކަންކަމުގައި ފިޔަވަޅު ނޭޅުމަކީ ފުލުހުންގެ ޒިންމާ އަދާނުކުރުން ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ މީހަކު މައްސަލަ ހުށަނޭޅި ނަމަވެސް ފުލުހުންނަށް އަމިއްލަ އިސްނެގުމުގައި ބެލޭނެ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ގޮތުންނާއި ދައުލަތުގެ އިސްވެރިންނާ ގުޅޭ މައްސަލަތަކުގައި ފުލުހުން ވަރަށް ހަލުވިކަމާއެކު އިސްނަގައިގެން ފިޔަވަޅު އަޅާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ މިފަދަ މައްސަލަތަކުގައި އިހުމާލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުޑޫ ވިދާޅުވިއެވެ. މިފަދަ އަމަލުތައް ތަހުގީގު ނުކުރެވި ދޫކޮށްލުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، އަންހެނުން ބިރުވެރިކަމެއް ނެތި ވަޒީފާގެ މާހައުލަށް ނުކުތުމަށް އޮތް ބޮޑު ހުރަހެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯއަކުން ފެންނަ ގޮތުގައި، މަގުމައްޗަށް ކުނި ނޭޅުމަށް ނަސޭހަތްތެރިވި މާލޭ ސިޓީ ކައުންސިލުގެ އަންހެން މުވައްޒަފުންތަކަކަށް، މީހަކު ވަނީ ވަރަށް ހަޑިހުތުރު ބަހުން ފުރައްސާރަކޮށް ބިރުދައްކާފައެވެ.

އެހެންކަމުން، ގާނޫނުގެ ސިޔާދަތު ނެގަހައްޓައި، އަންހެނުންނަށް ކުރާ މިފަދަ ފުރައްސާރައިގެ އަމަލުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް މެންބަރު މުހައްމަދު އިބްރާހިމް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު