އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މިހާރު އެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާނެއެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ފޯމު ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ އޮފީހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަކީ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ގެ ދަށުން އުފައްދާފައިވާ މުހިންމު މަގާމެކެވެ. މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ކަންކަން ގާތުން މޮނިޓާކޮށް ބަލަހައްޓާ، ރައްޔިތުންނަށް މައުލޫމާތު ލިބިދޭކަން ކަށަވަރުކުރުމެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދާ މެދު ސަރުކާރުގެ ބައެއް ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައެވެ. އެގޮތުން، އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުގެ ނުފޫޒުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރުމާ ގުޅިގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް އޮފީސް ޖޫރިމަނާކޮށްފައެވެ. ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ދިނުމަށް ފަސްޖެހޭ މައްސަލައާއި، މައުލޫމާތު ހާމަކުރުމުގެ ދެފުށް ފެންނަ ސިޔާސަތާ މެދު އާންމުންނާއި މީޑިއާތަކުގެ މެދުގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަހުސް ކުރެވި، މައްސަލަ ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު