ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިންމު ކަމަކަށް ވީނަމަވެސް، ބައެއް ފަހަރު ކަސްރަތަށްފަހު ހަށިގަނޑަށް ވަރުބަލިކަމާއި ތަދު އިހުސާސް ކުރެވެއެވެ. ވަކިން ހާއްސަކޮށް ގަދައަށް މަސްތަކުގައި ރިއްސުމާއި، ހަރުވުމަކީ ކަސްރަތު ކުރާ މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިއީ އާންމުކޮށް ކަސްރަތު ނުކޮށް ހުރެފައި އަލަށް ފަށާ މީހުންނަށާއި، އާ ކަސްރަތުތަކެއް ކުރާ މީހުންނަށް މާ ބޮޑަށް ދިމާވާ ކަމެކެވެ.

މިގޮތަށް މަސްތަކުގައި ރިއްސުމަކީ ކުރި ކަސްރަތުގެ ނަތީޖާ ފެންނަކަމުގެ ނިޝާނެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން މަސްތަކުގެ ފައިބަރުތަކަށް އަންނަ ކުދިކުދި ލޮޅުންތައް އަލުން ގުޅި، ކުރިއަށްވުރެ ވަރުގަދަވެ މަސްތައް ބޮޑުވުމަށް މަގުފަހިވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްއެޅިދާނެއެވެ.

މިފަދަ ތަދުތަކަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ބަދިގެއިން ލިބެން ހުންނަ ބައެއް ކާނާ ބޭނުންކޮށްގެން މި މައްސަލައަށް ހައްލު ހޯދިދާނެއެވެ. ކަސްރަތަށްފަހު ރަނގަޅު ކާނާ ބޭނުންކުރުމަކީ ހަށިގަނޑު މަރާމާތުކުރުމުގެ މަރުހަލާ އަވަސްކޮށްދޭ ކަމެކެވެ.

މުހިންމު ބައެއް ނިއުޓްރިއެންޓްސް:

ކަސްރަތަށްފަހު ހަށިގަނޑު އާލާކުރުމަށްޓަކައި ޕްރޮޓީން އަދި ކާބޯހައިޑްރޭޓްސްއަށް އިސްކަންދޭންޖެހެއެވެ. ޕްރޮޓީންގެ ސަބަބުން މަސްތައް މަރާމާތުވުމަށް ބޭނުންވާ އެމިނޯ އެސިޑް ފޯރުކޮށްދޭއިރު، ކާބޯހައިޑްރޭޓްސްއަކީ ހަށިގަނޑަށް ބޭނުންވާ މައިގަނޑު ހަކަތައެވެ. ކާބޯހައިޑްރޭޓްސްގެ ސަބަބުން އިންސިއުލިން އުފައްދައި، މަސްތަކަށް ޕްރޮޓީން ދައުރުވުން އަވަސްކޮށްދެއެވެ. މީގެ އިތުރުން ވިޓަމިން ސީ އަދި ކޮޕާ ފަދަ މާއްދާތަކަކީ ހުޅުތަކާއި ކަނދުތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު މާއްދާތަކެކެވެ.

ކަސްރަތަށްފަހު ބޭނުންކުރުމަށް އެންމެ ރަނގަޅު 7 ކާނާ:

1. ބިހާއި ޕާން: ބިހަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ކާނާއެކެވެ. މީގެއާއެކު ފައިބަރު ގިނަ ޕާނެއް ބޭނުންކުރުމުން ކަސްރަތަށްފަހު ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފަސޭހައިން ލިބިގެންދާނެއެވެ.

2. ޔޯގަޓް ނުވަތަ ކޮޓެޖް ޗީޒް އަދި މޭވާ: މިއީ ޕްރޮޓީންއާއި އެމިނޯ އެސިޑް މުއްސަނދި ބާވަތްތަކެކެވެ. މޭވާގައި ހުންނަ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން މަސްތަކުގެ ފައިބަރުތައް މަރާމާތުވުމަށް އެހީތެރިވެދެއެވެ.

3. ލޮނުލީ ބަދަމާއި ދޮންކެޔޮ: ބަދަމުން ޕްރޮޓީން، ފައިބަރު އަދި ހެލްތީ ފެޓްސް ލިބޭއިރު، ދޮންކޭލަކީ ކާބޯހައިޑްރޭޓްސް އަދި ޕޮޓޭސިއަމްގެ މުއްސަނދި މަސްދަރެކެވެ. މިއީ ހަށިގަނޑު ދުޅަވުން ކުޑަކޮށްދޭ ކަމެކެވެ.

4. ސަލްމަން މަސް: ސަލްމަންގައި ހިމެނޭ އޮމޭގާ-3 ފެޓީ އެސިޑްސްއަކީ މަސްތަކުގެ ދުޅަހެޔޮކަމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މަސް ކާން ބޭނުންނުވާނަމަ ޗިއާ ސީޑްސް ނުވަތަ ވަލްނަޓްސް ބޭނުންކުރެވިދާނެއެވެ.

5. ރީނދޫ: ރީނދޫގައި ހިމެނޭ "ކާކިއުމިން" އަކީ މަސްތަކުގައި ރިއްސުން ކުޑަކޮށްދިނުމުގެ ބާރު ލިބިގެންވާ އެންޓިއޮކްސިޑެންޓެކެވެ.

6. ކެޕްސިކަމް (ބެލް ޕެޕަރ): މިއީ ވިޓަމިން ސީ އިން ނުހަނު މުއްސަނދި ތަރުކާރީއެކެވެ. މީގެ ސަބަބުން ހުޅުތަކާއި ކަނދުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދެއެވެ. ވަކިން ހާއްސަކޮށް ރަތް ކެޕްސިކަމްގައި ވިޓަމިން ސީ ގިނަވާނެއެވެ.

7. ކިވީ ނުވަތަ އަލަނާސި: މި މޭވާތަކުގައި ހިމެނޭ އެންޒައިމްތަކުގެ ސަބަބުން ޕްރޮޓީން ހަޖަމުކުރުމަށް ފަސޭހަވެ، މަސްތަކުގައި ރިއްސުން ކުޑަކޮށްދެއެވެ.

ކާންވީ ވަގުތު:

ކަސްރަތަށްފަހު 30 އާއި 60 މިނެޓާ ދެމެދު ކެއުމަކީ ހަށިގަނޑު މަރާމާތުވުމުގެ މަރުހަލާ އަވަސްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން މުޅި ދުވަހަށް ބަހާލައިގެން މަދު މަދުން ޕްރޮޓީން ބޭނުންކުރުމަކީވެސް މަސްތައް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެންމެ މުހިންމު ކަމަކީ މިކަމާ މާ ބޮޑަށް ފިކުރުބޮޑުވުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގައި އާދައިގެ ސާދާ ގޮތްތައް އިހުތިޔާރު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު