މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ކުރިއަށް އޮތް ފިލްމު "ބަޓްވާރާ 1947" ގެ އައު ޕޯސްޓަރެއް އާންމުކުރުމާއެކު، އޭގައި ހިމެނޭ އައު ބަތަލާ ކަނީކާ ކަޕޫރާއި މަޝްހޫރު ބަތަލާ ކިއާރާ އަދުވާނީއާ ހުރި އާދަޔާޚިލާފު ވައްތަރުކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ޖުލައި 30 ވަނަ ދުވަހު އާންމުކުރި މި ޕޯސްޓަރުގައި ފެންނަނީ ސަނީ ޑިއޯލްއާއެކު ކަނީކާ ކަޕޫރެވެ. މަލުގެ ކުރެހުން އެޅި ހެދުމަކާއި، މަޑު މުށިކުލައިގެ ދޯޕައްޓާއެއްގައި ވަރަށް އާދައިގެ މޭކަޕެއްގައި ހުރި ކަނީކާ ފެނުމުން، ގިނަ ބަޔަކަށް ހީވީ އެއީ ކިއާރާ އަދުވާނީ ކަމަށެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ ބަޔަކު ބުނެފައިވަނީ އެއީ ކިއާރާ ނޫންކަން އެނގުނީ ދެވަނަ ފަހަރަށް ބަލައިލުމުން ކަމަށެވެ.

ކަނީކާ އޭނާގެ އިންސްޓަގްރާމްގައި މި ޕޯސްޓަރު ހިއްސާކުރަމުން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އޮގަސްޓް 14 ގައި "ބަޓްވާރާ 1947" ސިނަމާތަކަށް އަންނާނެ ކަމަށެވެ. މި ޕޯސްޓަރަށް ކޮމެންޓް ކުރި މީހުންގެ ތެރެއިން އެކަކު ބުނީ "އަހަރެން ހީކުރީ ހަމަ ކިއާރާ އަދުވާނީ ކަމަށް" ކަމަށެވެ. އަދި ގިނަ ބަޔަކު ވަނީ ކިއާރާ މި ޕޯސްޓުގައި ޓެގްވެސް ކޮށްފައެވެ.

ދިއްލީއަށް އުފަން ކަނީކާ ކަޕޫރު ބޮލީވުޑަށް ތައާރަފްވަނީ މި ފިލްމުންނެވެ. މީގެ ކުރިން އޭނާ ވަނީ ޓީވީ ސިލްސިލާ "އޭކް ދޫޖޭ ކޭ ވާސްތޭ 2" އިން މަގުބޫލުކަން ހޯދާފައެވެ. މީގެ އިތުރުން "ދޯނޯ" އަދި "މޮޑަން ފެމިލީ" ފަދަ ވެބް ސީރީޒްތަކުންވެސް އޭނާ ފެނިފައިވެއެވެ.

މި ފިލްމަކީ ގިނަ ދުވަސްތަކަކަށްފަހު ސަނީ ޑިއޯލް އާއި ޕްރީތީ ޒިންތާ އެކުގައި ފެންނާނެ ފިލްމެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ޝަބާނާ އަޒްމީ އަދި އަލީ ފަޒަލް ވެސް ފެނިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު