ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ
ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ
އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް ލެބަނަންގައި ހަރަކާތްތެރިވާ ކެމްޕޭނަކުން، އަލަށް ނެރުނު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ފިލްމު ބޮއިކޮޓްކުރުމަށް އާންމުންނަށް ގޮވާލައިފިއެވެ.

މި އިލްތިމާސްގެ މައިގަނޑު ސަބަބަކީ، ފިލްމުގެ ޕްރޮޑިއުސަރު އަވީ އަރާޑަކީ އިސްރާއީލުގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކުރާ، އިސްރާއީލު-އެމެރިކާ އަށް ނިސްބަތްވާ މީހަކަށް ވުމެވެ. ލެބަނަންގެ ސިނަމާތަކުގައި މި ފިލްމު ދައްކަން ތައްޔާރުވަމުންދަނިކޮށް ނެރުނު ބަޔާނުގައި، އިސްރާއީލުގެ ފިކުރަށް ތާއީދުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް މާލީ ގޮތުން އެހީތެރިވުމާ މެދު އެ ހަރަކާތުން ވަނީ ސުވާލު އުފައްދާފައެވެ.

"ބޮއިކޮޓްކުރުމަކީ އަމިއްލަ ނިންމުމެއް... އަދި ތިޔަބޭފުޅުންގެ ނިންމުމުން ބޮޑު ބަދަލެއް އަންނާނެ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުން ވަނީ، ފިލްމުގެ ޓިކެޓު ނުގަތުމަށާއި އެ އުފެއްދުމަށް މާލީ ކުރިއެރުން ހޯދައިދިނުމުގައި ބައިވެރިނުވުމަށް އެދިފައެވެ.

އިސްރާއީލުގެ ރާމަތު ގާން އަށް އުފަން އަވީ އަރާޑަކީ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކުގެ ދިފާއުގައި ވަކާލާތުކުރާ ފަރާތެކެވެ. އެގޮތުން، 2024 ވަނަ އަހަރު އެމެރިކާގެ ސެނެޓަރު ޗަކް ޝޫމާ އިސްރާއީލުގެ އާ އިންތިޚާބަކަށް ގޮވާލައި ނަތަންޔާހޫއަށް ފާޑުވިދާޅުވުމުން، އަރާޑް ވަނީ ނަތަންޔާހޫގެ ދިފާއުގައި ހުޅުވާލެވިފައިވާ ސިޓީއެއް ޝާއިޢުކޮށް ސެނެޓަރަށް ރައްދު ދީފައެވެ.

ލެބަނަންގެ މި ކެމްޕޭނުން ބުނާ ގޮތުގައި، އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކާ ދެކޮޅަށް ސަގާފީ އަދި އިޖުތިމާއީ ގޮތުން ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. އަދި ޣައްޒާއާއި ދެކުނު ލެބަނަންގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ބަލާއިރު، އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު