ޑެޕިއުޓީ މޭޔަރ މީކާއީލް
ޑެޕިއުޓީ މޭޔަރ މީކާއީލް
މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މިއަދު ކުރިއަށް ދިޔަ މާލެ ސިޓި ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޒެވެ.

ޑެޕިއުޓީ މޭޔަރ މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ހަފްތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް ޢިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަދި ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެއްވަނަ ފްލޯގައި އުޅޭ މީހާއާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމް.ޑަބްލިއު.އެސް.ސީ އަށް ފެނުގެ ޓެރިފް ރޭޓުން ދައްކަނީ އެއްވަރެއް ކަމަށެވެ. ނަމަވެސް، ހަވަނަ ފްލޯއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ޑެޕިއުޓީ މޭޔަރު ވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

ޑެޕިއުޓީ މޭޔަރުގެ މި ހުށަހެޅުއްވުމަށް މާފަންނު އިތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ވަނީ ތާއީދުކުރައްވާފައެވެ. މިކަމާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ



ކިޔުންތެރިންގެ ހިޔާލު