ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް، އެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިއަދު އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ޤައުމެއްގެ މިނިވަންކަން ސިފަވާ މައިގަނޑު ސިފަތަކުގެ މައްޗަށެވެ. އެގޮތުން، ހަމައެކަނި ބޭރުގެ ނުފޫޒުން ސަލާމަތްވެ އޮތުމަކީ މިނިވަންކަން ނޫން ކަމަށާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކާއި ފަރުދީ މިނިވަންކަން ފުރިހަމައަށް ކަށަވަރުވެފައި އޮތުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުން ޤައުމާމެދު ކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެ އުއްމީދުތަކުގައި ކުލަޖެހިގެން ދިއުމަކީ މިނިވަންކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް އިޙްސާސްކޮށްދޭނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް