މަޝްހޫރު ފިލްމު "އޯއެމްޖީ 2" އާ ގުޅޭގޮތުން އެކްޓަރު ޕަރޭޝް ރާވަލް ދައްކާފައިވާ ވާހަކަތަކަށް އެ ފިލްމުގެ ޕްރޮޑިއުސަރު އަޝްވިން ވަރުދޭ ވަރުގަދަ ރައްދެއް ދީފިއެވެ.

ޕަރޭޝްގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއްގެ ގޮތުގައި ސިފަކުރަމުން ވަރުދޭ ވަނީ ފިލްމު އުފެދިގެން އައި ގޮތުގެ ތަފްސީލު ހާމަކޮށްފައެވެ.

ވަރުދޭ ބުނި ގޮތުގައި މި ފިލްމުގެ ވާހަކަ ލިޔުނު އަމިތު ރާއީ އޭނާއަށް ތައާރަފްކޮށްދިނީ އެކްޓަރު ޕަވަން މަލްހޯތުރާއެވެ. ފުރަތަމަ އެހެން މަޝްރޫއަކަށް ބައްދަލުކުރި ނަމަވެސް، ފަހުން އަމިތު ކިޔައިދިން ޚިޔާލަކީ "އޯއެމްޖީ" ފިލްމާ ވަރަށް ގާތްކުރާ ޚިޔާލެއް ކަމަށް ވަރުދޭއަށް ފާހަގަކުރެވުނެވެ.

ވަރުދޭ ތުހުމަތުކުރި ގޮތުގައި، ޕަރޭޝް ރާވަލް ވަނީ "އޯއެމްޖީ" ގެ އަސްލު ވާހަކައާ އެއްގޮތަށް އައު ސްކްރިޕްޓް ލިޔުމަށް އަމިތު ރާއީއަށް އަންގާފައެވެ. އަދި އެ ފިލްމުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އަމިތުއަށް އޮޅުވާލާފައިވާ ކަމަށްވެސް ވަރުދޭ ބުންޏެވެ.

"އޯއެމްޖީގެ ރައިޓްސް އޮންނަނީ އަކްޝޭ ކުމާރު އަތުގައި. އޭނާ ނުލައި ނުވަތަ އޭނާގެ ހުއްދަ ނެތި މި ފިލްމެއް ނުހެދޭނެ،" ވަރުދޭ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޕަރޭޝް ރާވަލް މަސައްކަތް ކުރީ އަކްޝޭ ކުމާރު ބާކީކޮށް، އެހެން ނަމެއްގައި "އޯއެމްޖީ" ގެ ނަމޫނާއަކަށް ފިލްމެއް އުފެއްދުމަށެވެ. މިއީ ވަރަށް ބޭއަދަބީ އަދި ޕްރޮފެޝަނަލް ނޫން އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ވަރުދޭ ހާމަކުރި ގޮތުގައި މި ސްކްރިޕްޓް ހިފައިގެން ޕަރޭޝް ދިޔަ އެހެން އެކްޓަރުން ވެސް ވަނީ މިއީ އަކްޝޭ ކުމާރުގެ ފިލްމަކާ އެއްގޮތް އެއްޗެއްކަން ފާހަގަކޮށް، ފިލްމު ކުޅެން އިންކާރުކޮށްފައެވެ. އެންމެ ފަހުން ވަރުދޭގެ ކުންފުނި "ވަކާއޫ ފިލްމްސް" އިން މި ސްކްރިޕްޓް ގަތީއެވެ.

މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އަކްޝޭ ކުމާރަށް ސްކްރިޕްޓް ދައްކާނެ ކަމަށް ބުނުމުން ޕަރޭޝް ވަރަށް

ބޮޑަށް ނުރުހުންވި ކަމަށް ވަރުދޭ ބުންޏެވެ. ނަމަވެސް، ފިލްމުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ދައުވަތު ދިނީ ޕަރޭޝްއަށް ކަމަށާއި، އަކްޝޭ ކުމާރު އަމިއްލައަށް ވެސް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށް ވަރުދޭ ހާމަކުރިއެވެ.

ފިލްމުގައި އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވި ނަމަވެސް، ޕަރޭޝްގެ އަންހެނުންނާއި ޕާޓްނަރު މެދުވެރިކޮށް ޕްރޮޑިއުސަރުންގެ ކްރެޑިޓް ދީ، އެއްބަސްވި ފައިސާ ވެސް ޕަރޭޝްއަށް ދީފައިވާނެ ކަމަށް ވަރުދޭ ބުންޏެވެ. "އަހަރެމެން އެއްވެސް މީހަކު ޕަރޭޝްއަށް އޮޅުވާލާކަށް މަސައްކަތެއް ނުކުރަން. އަހަރެމެން ކުރިހާވެސް ކަމަކީ އޭނާ އެހެން މީހަކަށް އޮޅުވާލަން އުޅުނު އުޅުން ހުއްޓުވުން،" ވަރުދޭގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް