ހޮލީވުޑްގެ މަޝްހޫރު ތަރި މެޓް ޑޭމަން، އިންޑިއާގެ ތަޖުރިބާކާރު ޑައިރެކްޓަރު ޝޭކަރް ކަޕޫރާއެކު މަސައްކަތް ކުރުމުގެ ބޮޑު ޝައުގުވެރިކަމެއް އޮތްކަން ހާމަކޮށްފިއެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މެޓް ޑޭމަން ބުނިގޮތުގައި، ޝޭކަރް ކަޕޫރާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް މީގެ 20 އަހަރު ކުރިން އޭނާއަށް ލިބުނެވެ. ނަމަވެސް އެ ފުރުސަތު ދޫކޮށްލަން ޖެހުމަކީ މިއަދާ ހަމައަށްވެސް އޭނާ ހިތާމަކުރާ ކަމެކެވެ.

މެޓް ޑޭމަން މިކަން ހާމަކުރީ މުމްބާއީގައި ބޭއްވި ކްރިސްޓޮފާ ނޯލަންގެ އައު ފިލްމު "ދަ އޮޑިސީ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިންނެވެ. އިންޑިއާގެ ކޮން ޑައިރެކްޓަރަކާއެކުތޯ މަސައްކަތް ކުރަން ބޭނުންވަނީ، ސުވާލު ކުރުމުން އޭނާ ވަނީ 90 ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު ހޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދި ޝޭކަރް ކަޕޫރުގެ ނަން ފާހަގަކޮށްފައެވެ.

މެޓް ޑޭމަން ކިޔައިދިން ގޮތުގައި، އޭނާގެ ކެރިއަރުގެ ކުރީކޮޅު ޝޭކަރް ކަޕޫރު 2002 ވަނަ އަހަރު އުފެއްދި ތާރީޚީ ފިލްމު "ދަ ފޯ ފެދާސް" އިން އޭނާއަށް ރޯލެއް ހުށަހެޅުނެވެ. ނަމަވެސް އެ ދުވަސްވަރު މަޝްހޫރު "ބޯން" ފްރެންޗައިޒްގެ ފިލްމެއްގެ މަސައްކަތުގައި އުޅެންޖެހުމުން އެ ފުރުސަތު ދޫކޮށްލަން ޖެހުނީއެވެ.

"އެ ފުރުސަތު ދޫކޮށްލަން ޖެހުމުން އަހަރެން ވަރަށް ބޮޑަށް މާޔޫސްވި. އެއީ މީގެ 20 އަހަރު ކުރިން އަހަރެންގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް ކަމަށް އަހަރެން ދެކެނީ. އެ ދަރަންޏާ އެކު އަދިވެސް އަހަރެން މި އިންތިޒާރު ކުރަނީ އޭނާއާ އެކު މަސައްކަތް ކޮށްލަން،" މެޓް ޑޭމަން ބުންޏެވެ.

މެޓް ޑޭމަންގެ މި ވާހަކަތަކަށް ޝޭކަރް ކަޕޫރުވެސް ވަނީ ވަރަށް އުފަލާއެކު އިޖާބަދީފައެވެ. އިންޑިއާގެ އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ޝޭކަރް ބުނީ، މެޓް ޑޭމަން ފަދަ އިހުސާސްތަކުން ފުރިގެންވާ ހުނަރުވެރި އެކްޓަރަކާއެކު މަސައްކަތް ކުރަން ބޭނުންނުވާނެ އެއްވެސް ޑައިރެކްޓަރަކު ދުނިޔޭގައި ނުހުންނާނެ ކަމަށެވެ.

ޝޭކަރް އިތުރަށް ބުނިގޮތުގައި، މެޓް ޑޭމަންގެ "ގުޑް ވިލް ހަންޓިން" ގެ އެކްޓިން އަކީ އަދިވެސް އޭނާ ރޮއްވާލާ ފަދަ މޮޅު މަސައްކަތެކެވެ. އަދި ކުރިން މަސައްކަތް ނުކުރެވުނު ނަމަވެސް، މިހާރު މިއީ ދެމީހުން އެކުގައި މަސައްކަތް ފަށަން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ގަބޫލުކުރެއެވެ.

ޝޭކަރް ކަޕޫރަކީ އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައިވެސް ނަން މަޝްހޫރު ޑައިރެކްޓަރެކެވެ. އޭނާ ވަނީ "މާސޫމް"، "މިސްޓަރ އިންޑިއާ" އަދި "ބަންޑިޓް ކުއީން" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައެވެ. އޭނާގެ "އެލިޒަބަތު" އަކީ އޮސްކާ އެވޯޑްވެސް ހާސިލްކޮށްފައިވާ ފިލްމެކެވެ. އަނެއްކޮޅުން މެޓް ޑޭމަން އަކީ "ދަ މާޝަން"، "އޯޕަންހައިމާ" އަދި "ބޯން" ފްރެންޗައިޒް ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ތަރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް