ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަގާމުން ވަކިކުރާއިރު، އެއްވެސް ސަބަބެއް ބަޔާންކުރަން ނުޖެހޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އާ ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު މެންދުރުފަހު ޝާއިއުކޮށްފައިވާ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުން، އިސް ފަނޑިޔާރުން އައްޔަނު ކުރުމުގެ އިޖުރާއަތްތައް ތަފްސީލު ކޮށްދީފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގައި ކޮމިޝަނަށް ވަނީ ފުޅާ އިޚްތިޔާރުތަކެއް ދީފައެވެ.

އެ ގަވާއިދުގެ 8 ވަނަ މާއްދާގައި ބުނެފައިވަނީ، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު އެ މަގާމުން ވަކިކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި، އެ ފަނޑިޔާރަކު އިސް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާ ކަމަށެވެ.

އާ މިންގަނޑުތަކުގެ ދަށުން އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ގާނޫނީ އިލްމާއި ހުނަރު، އިޖުތިމާއީ ތަސައްވުރު، މުއާމަލާތު ކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު، މަސައްކަތުގެ އަޚުލާގާއި އިދާރީ ހިންގުމުގެ ގާބިލުކަމުގެ އިތުރުން މައްސަލަތައް ހައްލުކުރުމުގެ ހުނަރު ހިމެނެއެވެ.

މީގެ އިތުރުން، ސުޕީރިއަރ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ މިހާރުވެސް އެ ކޯޓެއްގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނަށް އެކަނި ކަމަށް ގަވާއިދުގައިވެއެވެ. އަދި ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ ވެސް އެ ދާއިރާއެއްގައި މަސައްކަތްކުރާ މެޖިސްޓްރޭޓުންނަށެވެ.

ޖޭއެސްސީން މިފަދަ ގަވާއިދެއް ނެރެފައި މިވަނީ، ކޮމިޝަން އެކުލެވިގެންވާ ގޮތުގެ ސަބަބުން ސަރުކާރުގެ ނުފޫޒު އޮންނަ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމުގައި ޖޭއެސްސީން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު