މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރުގެ އިތުރުން ޙުސްނުއްސުޢޫދު މަގާމުން އެކަހެރިކޮށް، ފަހުން އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފިއެވެ.

މި ގަރާރަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރެކެވެ. މިއީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށާއި ފާސްނުވެއްޖެނަމަ ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް ފަހު ހުށަހެޅުނު ފުރަތަމަ ގަރާރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި، މި ގަރާރު މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށް ގެންދިއުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 35 މެންބަރުންނެވެ. އޭގެ ތެރެއިން ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 7 މެންބަރުންނެވެ. އަދި ބަލައިގަންނަން ނުފެންނަ ކަމަށް 28 މެންބަރުން ވޯޓު ދެއްވުމުން މި ގަރާރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރުގައި ބަޔާންކުރައްވާފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ލިބުނު ހެއްކާއި ގަރީނާތަކަށް ބަލާއިރު، މި ތިން ފަނޑިޔާރުން ވެސް ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ނިންމާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އެއްވެސް އަސާސެއް ނެތް ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ކުށެއް ނެތް ހާލަތެއްގައި ފަނޑިޔާރުން ސަސްޕެންޑުކޮށް ވަކިކުރުމުގެ އަމަލުތަކެއް ޖޭއެސްސީން ހިންގާފައިވާތީ އެކަމަށް އެ ކޮމިޝަނުން ޒިންމާވެ ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި މަޖިލިސް މެންބަރުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަށް ގަރާރު ހުށަހެޅުއްވި ނަމަވެސް، މެޖޯރިޓީ މެންބަރުންގެ ނިންމެވުމާއެކު މި މައްސަލައިގެ ބަހުސް ކުރިއަށްދާ ގޮތެއް ނުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް