މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝަމްހީދު، ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝަމްހީދު، ފޮޓޯ: މަޖިލިސް
ސްޓެލްކޯއަށް ނިމިދިޔަ އަހަރު ލިބުނު 350 މިލިއަން ރުފިޔާގެ ފައިދާއަކީ އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުތަކުން އުސޫލުން ބޭރުން ނަގާފައިވާ ފައިސާ ކަމަށް ތުހުމަތުކުރައްވައި، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ މައްސަލައަކީ މިއަދު ރައްޔިތުން އުފުލަންޖެހިފައިވާ އެންމެ ބޮޑު ތަކުލީފެވެ. އޭނާ ހިސާބުތަކުން ދެއްކެވި ގޮތުގައި، ކުންފުންޏަށް ލިބުނު ފައިދާގެ ނިސްބަތަށް ބަލާއިރު، ކޮންމެ ގެއަކުން މަހަކު ގާތްގަނޑަކަށް 1200 ރުފިޔާ އިތުރަށް ބިލުކޮށްފައިވާކަން ހާމަވެއެވެ. މިއީ ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް ހޯދާފައިވާ ނުޙައްގު ފައިދާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ދަތިތަކަށްވެސް ޝަމްހީދު އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮތަޅުން ފައިސާ ނެގުމުގެ ބަދަލުގައި، ތިމާވެއްޓަށް ގެއްލުންދޭ ކޮތަޅު ބޭނުންކުރުން އެއްކޮށް މަނާކުރުމަކީ މިކަމަށް އޮތް އެންމެ ދެމެހެއްޓެނިވި ޙައްލެވެ.

މީގެ އިތުރުން، އެހެން ރަށްރަށުގެ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ ރަށްރަށުގެ ސިއްހީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މިގޮތަށް ކަންތައް ކުރުމުން ރަށްރަށަށް ޖަމާވާ ކުނީގެ ބާވަތްތައް ކޮންޓްރޯލް ނުކުރެވި، ތިމާވެށީގެ ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ބަހުސް ނިންމަވާލައްވަމުން ޝަމްހީދު ގޮވާލެއްވީ، އަސާސީ ޚިދުމަތްތަކުގެ އަގުތައް އަތްނުފޯރާ ފަށަށް ބޮޑުވަމުންދާ ދިއުން ހުއްޓުވުމަށެވެ. އަދި ރައްޔިތުންގެ މާލީ ޙާލަތަށް ނުބަލައި ފީތައް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް ބައްޓަންކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު