ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ދާދިފަހުން ކުރި ކަމަށް ބުނާ ތިންވަނަ ކައިވެންޏާ ގުޅިގެން، އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓް ސަރުކާރުގެ އިސް ވަޒީރުންތަކެއް އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސިޔާސީ ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު އާމިރު ޚާންގެ އަމިއްލަ ގޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އޭނާ ކައިވެނީގެ ގޮތުން ގުޅުނީ ބިއުޓީ އެންޑް ވެލްނަސް ޕްރޮފެޝަނަލެއް ކަމަށްވާ ގޯރީ ސްޕްރެޓްއާ އެވެ. މި ކައިވެނީގެ ޚަބަރާއެކު، މަހާރަޝްތުރާގެ ސަރުކާރުގައި ހިމެނޭ ޝިވް ސޭނާ ޕާޓީގެ ލީޑަރު ސަންޖޭ ޝިރްސާތު ވަނީ އާމިރު ޚާނަކީ "ލަވް ޖިހާދު" ގެ ބްރޭންޑް އެމްބަސެޑަރަކަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.

ޝިރްސާތުގެ މި ވާހަކަތަކަކީ ބީޖޭޕީގެ ވަޒީރު ނިތޭޝް ރާނޭ މީގެ ކުރިން ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަތަކެކެވެ. "ލަވް ޖިހާދު" އަކީ މުސްލިމް ފިރިހެނުން ހިންދޫ އަންހެނުންނާ ކައިވެނީގެ ގޮތުން ގުޅި، އެމީހުންގެ ދީން ބަދަލުކުރުވަން މަސައްކަތްކުރާ ކަމަށް ބުނެ އިންޑިއާގެ ކަނާތު ފިޔަވީގެ ސިޔާސީ ޖަމާއަތްތަކުން ބޭނުންކުރާ އިސްތިލާހެކެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިރްސާތު ވިދާޅުވީ، އާމިރު ޚާން ފަދަ ނުފޫޒުގަދަ ތަރިއަކު ތަކުރާރުކޮށް ކައިވެނި ކުރުމަކީ އޭނާއަށް ތަބާވާ އާންމުންނަށް ނުބައި މެސެޖެއް ލިބޭނެ ކަމެއް ކަމަށެވެ. "މިފަދަ ތަރިއަކު އެއްފަހަރު، ދެފަހަރު އަދި ތިންފަހަރު ކައިވެނީގެ ގޮތުން ގުޅުމުން، މީހުން އޭނާގެ ކިބައިން ދަސްކުރާނީ ކޮން ކަމެއްތޯ؟ އޭނާއަކީ ލަވް ޖިހާދުގެ ބްރޭންޑް އެމްބަސެޑަރަކަށް ވެދާނެ، ނަމަވެސް އާންމު ރައްޔިތުންގެ ހިތްތަކަކުން އޭނާއަކަށް ޖާގައެއް ނުލިބޭނެ،" ޝިރްސާތު ވިދާޅުވިއެވެ.

މި މައްސަލައިގައި ފުރަތަމަ ފާޑުވިދާޅުވި ބީޖޭޕީގެ ލީޑަރު ނިތޭޝް ރާނޭ ވިދާޅުވީ، އާމިރު ޚާން ފަދަ އާންމުންގެ މެދުގައި މަގުބޫލު ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތަކާ މެދު ހިންދު މުޖުތަމައުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި އޭނާ ވެސް ވަނީ އާމިރުގެ މި ކައިވެންޏަކީ "ލަވް ޖިހާދު" ގެ އަމަލެއްތޯ ސުވާލު އުފައްދާފައެވެ. ނަމަވެސް، އާމިރު އާއި ގޯރީގެ ކައިވެނީގައި އެއްވެސް މަޖުބޫރުކަމެއް ނުވަތަ މަކަރެއް ހިމެނޭ ކަމުގެ އެއްވެސް ހެއްކެއް މި ދެ ވަޒީރުންނަށް ވެސް ދެއްކިފައެއް ނުވެއެވެ.

އާމިރު ޚާންގެ ކައިވެނީގެ ތާރީޚަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ 1986 ވަނަ އަހަރު ރީނާ ދައްތާއާއެވެ. އެ ކައިވެނި 2002 ގައި ރޫޅުމުން، 2005 ވަނަ އަހަރު ފިލްމު އުފައްދާ ކިރަން ރާއޯއާ ކައިވެނި ކުރިއެވެ. އާމިރު އާއި ކިރަން ވަކިވިކަން އިއުލާން ކުރީ 2021 ވަނަ އަހަރުއެވެ.

އާމިރު ޚާންގެ ތިންވަނަ ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާންމުންނަށް ސިއްރުން، ވަރަށް އަމިއްލަ ގޮތަކަށެވެ. ސިޔާސީ ބޭފުޅުން ކުރައްވަމުންދާ މި ބަރުދަސް ތުހުމަތުތަކާ ގުޅިގެން އާމިރު ޚާން މިހާތަނަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު