ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ސިޓީގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ހުވަދޫ ބަހުން ޖަވާބު ދެއްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާގެ ނިޒާމު ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ މައްސަލައިގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ކުރީގެ ސަރުކާރުން ކަމަށެވެ.

މެމްބަރު މިފަދަ ޖަވާބެއް ދެއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލުތަކަކާ ގުޅިގެންނެވެ. ސޯދިގު ސުވާލު ކުރެއްވީ ފެނަކައިގެ ފެން ޕްލާންޓަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ޚިދުމަތް މެދުކެނޑި، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކާ ގުޅޭގޮތުންނެވެ. އަދި ހިތަދޫގައި ހުއްޓިފައިވާ ހައުސިންގ މަޝްރޫއުގެ ތާރީޚަކާ ގުޅޭގޮތުންވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މެމްބަރު ސޯދިގު އައްޑޫ ބަހުން ސުވާލު ކުރެއްވުމުން، ގދ. ފިޔޯރީއަށް އުފަން މިނިސްޓަރު މުއްތޮލިބު ޖަވާބު ދެއްވަން ފެއްޓެވީވެސް ހުވަދޫ ބަހުރުވައިންނެވެ. "އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި، އައްޑޫގެ ފެނުގެ ނިޒާމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަކީ ކުރީ ސަރުކާރުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން ދިމާވި ކަންކަން ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު އެކަންކަން ހިނގާފައިވާތީ، އެކަމުގެ ޒިންމާ މެމްބަރުވެސް އުފުލަންޖެހޭނެ ކަމަށް ހުވަދޫ ބަހުން ވިދާޅުވިއެވެ.

"ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ،" (މާނައަކީ: ހީވަނީ މެމްބަރުވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަންޖެހޭ ކަމެއްހެން މިކަމަކީ) މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މުއްތޮލިބު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ފާއިތުވި އެމްޑީޕީ ސަރުކާރުން ސޮއިކޮށްފައިވާ 40 ބިލިއަން ރުފިޔާގެ މަޝްރޫއު އޮތީ މަޑުޖެހިފައެވެ. އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން، ކުރީ ސަރުކާރުން އިހުމާލުވެފައިވާ ފެނުގެ ނިޒާމުތައް މަރާމާތުކޮށް ރަނގަޅު ކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް