ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބުނު 7 ދަރިވަރުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބުނު 7 ދަރިވަރުން، ފޮޓޯ: ރައީސް އޮފީސް
މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މި އަހަރު ހަތް ދަރިވަރަކު ހާސިލުކޮށްފިއެވެ.

މި ދަރިވަރުންނަށް ސްކޮލަރޝިޕާއި އިނާމު ހަވާލުކޮށްދެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޝަރަފުވެރި ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަކީ ވޭތުވެދިޔަ އަހަރު ބޭއްވުނު އޭލެވެލް އިމްތިހާނުގެ ފަސް މާއްދާއިން "އޭ ސްޓާ" ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއިން ތައުލީމު ހާސިލުކުރި ހަތަރު ދަރިވަރުން ކަމަށްވާ އައިޝަތު ނަބީހާ އަމީން، ލީން އަޙްމަދު ތާރިޤު، ޔަޝާ ޝާފީ ޝަފީޤު އަދި އަލީ މާއިޝް މުފީދު އެވެ.

މީގެ އިތުރުން ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ހުސައިން ޔަމީން އާއި، ޏ. އެޓޯލް އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރު އައިޝަތު ލީން އަބްދުﷲ ވެސް ވަނީ މި ސްކޮލަރޝިޕް ކާމިޔާބުކޮށްފައެވެ. އަދި އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން މަތީ ސާނަވީ ނިންމި ދަރިވަރު ލައިލް ހުސައިން ހަމީދު ވެސް ވަނީ މި ފަޚުރުވެރި ވަނަ ހާސިލުކޮށް ރައީސްގެ ސްކޮލަރޝިޕް ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ރައީސްގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ އިތުރުން، ސާނަވީ އިމްތިހާނުތަކުން މުޅި ރާއްޖެއިން އެއްވަނަ ހާސިލުކުރި 23 ދަރިވަރަކަށްވެސް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ދެއްވާ މި ސްކޮލަރޝިޕަކީ ރާއްޖޭގެ ދަރިވަރުން ތައުލީމީ ގޮތުން ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް، އެކުދިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލަރޝިޕެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް