ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަހުމަދު ޚާން، އޭނާގެ ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތަކާ ބެހޭ ތަފްސީލުތައް ހާމަކޮށްފިއެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޓައިގަރ ޝްރޮފް އާއި ޝަނާޔާ ކަޕޫރު ލީޑް ރޯލުން ފެންނާނެ "ޒޮމްބީ ކޮމެޑީ" ފިލްމެވެ.

ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އަހުމަދު ޚާން ވަނީ މި ފިލްމުގެ މަސައްކަތް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ ފޮޓޯޝޫޓް މިހާރު ވަނީ ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ފިލްމުގެ ބާކީ ތިބޭނެ ތަރިން ހަމަޖެއްސުމުގެ މަސައްކަތެވެ. މިއީ ގިނަ ތަރިންތަކެއް ފެނިގެންދާނެ "މަލްޓި-ސްޓާރާ" ފިލްމެއް ކަމަށާއި، ވަރަށް އަވަހަށް ފިލްމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، "ވެލްކަމް ޓު ދަ ޖަންގަލް" ފަދަ ބޮޑު އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންދާކަން އަހުމަދު ހާމަކުރިއެވެ. މަޖާޒީ ގޮތަކަށް އޭނާ ބުނީ "ވެލްކަމް ޓު ދަ ޖަންގަލް" ގައި 34 ތަރިން ހިމެނުނު ނަމަވެސް، މި ފިލްމުގައި ހިމެނޭނީ 33 ތަރިން ކަމަށެވެ. މިއީ ބަޖެޓުގެ ގޮތުން ނޫން ނަމަވެސް، ފިލްމުގެ ސައިޒުގެ ގޮތުން ވަރަށް ބޮޑު ފިލްމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

އަހުމަދު ޚާންގެ ދެން އޮތް އެންމެ މުހިންމު މަޝްރޫއަކީ އޭނާގެ ދޮށީ ދަރިފުޅު އަޒާން ޚާން ބޮލީވުޑަށް ތައާރަފުކުރުމެވެ. ރޮމެންޓިކް ރިވެންޖް ޑްރާމާއެއްގެ ގޮތުގައި ތައްޔާރުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީވެސް އަހުމަދު އެވެ. އަޒާން މިހާރު ދަނީ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ފިިޒިކަލް ޓްރެއިނިންގ އާއި ނެށުމުގެ ތަމްރީނުތައް ހަދަމުންނެވެ. އަހުމަދު ބުނި ގޮތުގައި އޭނާ އަކީ ވަރަށް ހަރުކަށި މުދައްރިސެއް ކަމަށާއި، ދަރިފުޅަށްވީތީ އެއްވެސް ލުޔެއް ނުދޭނެ ކަމަށެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުންދާ އަހުމަދުގެ "ވެލްކަމް ޓު ދަ ޖަންގަލް" އާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، މި ފިލްމު އުފެއްދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ވަކިން ހާއްސަކޮށް އެހާ ގިނަ ތަރިންގެ ތާރީޚުތައް އެއްވަގުތަކު ހޯދުމަކީ ދަތި ކަމަކަށް ވުމުން، ފިލްމު ނިންމުމަށް ދެ އަހަރު ދުވަސް ހޭދަވިއެވެ. ނަމަވެސް އަކްޝޭ ކުމާރުގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރިއެވެ.

އަކްޝޭ ކުމާރުގެ "ވެލްކަމް ޓު ދަ ޖަންގަލް" މިހާރު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 125 ކްރޯޑް ރުޕީސް އާ ގާތްކޮށްފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި މި ފިލްމަށް މިހާތަނަށް 180 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަކްޝޭ ކުމާރުގެ އިތުރުން ސުނިލް ޝެޓީ، ޕަރޭޝް ރާވަލް އަދި އަރުޝަދު ވަރްސީ، ޖޯނީ ލީވަރު، ތުޝާރު ކަޕޫރު، ޝްރެއާސް އަދި ޖެކީ ޝްރޮފް ފަދަ ތަރިން މި ފިލްމުން ފެނިގެންދެއެވެ. އަންހެން ތަރިންގެ ތެރޭގައި ރަވީނާ ޓާންޑަން، ޖެކްލީން ފެނާންޑިޒް، ދިޝާ ޕަޓާނީ ފަދަ ތަރިން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު