ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް "ހޭރާ ޕޭރީ 3" އާ ގުޅޭގޮތުން ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެ ފިލްމު އުފެއްދޭނެ ކަމުގެ ފޮނި އުންމީދެއް އޮތް ކަމަށް އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.

ސުނިލް މިފަދައިން ބުނެފައިވަނީ އޭނާގެ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" (ވެލްކަމް 3) އަށް ލިބެމުންދާ ތަރުހީބަށް އިޝާރާތްކޮށެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ "ހޭރާ ޕޭރީ" އަކީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ ބޮޑު ކޮމެޑީ ފްރެންޗައިޒް ކަމަށާއި، އެ ފިލްމާ ގުޅިފައިވާ ހަނދާންތަކަކީ ހިތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިހާރުވެސް އެ ފިލްމުގެ މީމްތަކާއި މީހުން އެ ފިލްމު މަތިން ހަނދާންކުރާ މިންވަރު ފެނުމުން، އެ ފިލްމުގެ އާ ބައެއް ބަލަން ބޭނުންނުވާނީ ކާކުތޯ އޭނާ ސުވާލު އުފެއްދިއެވެ. "ވެލްކަމް ޓު ދަ ޖަންގަލް" އަށް ފަހު "ހޭރާ ޕޭރީ" އާ މެދު އުންމީދީ ކަންތައްތަކެއް ހިނގާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

އާއިލީ މުނިފޫހިފިލުވުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ސުނިލް ބުނީ، މިއީ ކާފަދަރިންނާއި މާމަދަރިން އެކުގައި ބަލާލެވޭ ފަދަ ފިލްމުތައް މަދުވެފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި "ވެލްކަމް 3" އުފެއްދި ފީރޯޒް ނަދިއަދުވާލާގެ ވިސްނުމަކީ ޑިޒްނީ ފަދަ އާއިލީ މުނިފޫހިފިލުވުމަށް އިސްކަންދޭ ވިސްނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ވެލްކަމް ޓު ދަ ޖަންގަލް" ގައި އަކްޝޭ ކުމާރާއި ޕަރޭޝް ރާވަލް އަދި ރަވީނާ ޓަންޑަން ފަދަ ތަރިންނާއެކު މަސައްކަތް ކުރަން ލިބުމުން ސުނިލް ވަނީ އެކަމާ އުފާކުރާ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި މިހާ ގިނަ އައިކޮނިކް ތަރިންތަކަކާއެކު މަސައްކަތް ކުރާއިރުވެސް، ކޮންމެ މީހަކަށްވެސް އެމީހެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބުމަކީ މި ފިލްމުގެ އެންމެ ރީތި ސިފައެވެ.

"ހޭރާ ޕޭރީ" ގެ ކުރީގެ ފިލްމުތައް ޑައިރެކްޓްކުރި ޕްރިޔަދަރުޝަން ދާދިފަހުން ވަނީ އެ ފިލްމުގެ ތިންވަނަ ބައެއް ދެން ދުވަހަކުވެސް ނުއުފެއްދޭނެ ކަމަށް ބުނެ، އެ މަޝްރޫއުން ވަކިވެފައެވެ. މިއީ ގިނަ ފޭނުންގެ ހިތްތައް ކުދިކުދިވެގެންދިޔަ ކަމެއް ނަމަވެސް، ސުނިލް ޝެޓީގެ މި ވާހަކަތަކާއެކު ގިނަ ބަޔަކު އަނެއްކާވެސް ވަނީ އުންމީދު އާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު