އިންޑިއާގެ ސިނަމާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޯޑެއް ކަމަށްވާ ތާބޫ އާއި ނާގަރްޖުނާ، ގާތްގަނޑަކަށް 28 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެކުގައި ފެނިގެންދާން ތައްޔާރުވެއްޖެއެވެ.

މި ދެ ތަރިން އެކުގައި ފެނިގެންދާނީ ނާގަރްޖުނާގެ 100 ވަނަ ފިލްމު "ކިންގް 100" އިންނެވެ.

މި ފިލްމަކީ އާރް ކާތިކް ޑައިރެކްޓްކުރާ އެކްޝަން ފިލްމެކެވެ. މީގެ ކުރިން މި ދެ ތަރިން އެކުގައި ކުޅުނު ފިލްމުތަކާ ހިލާފަށް، މި ފިލްމުގައި ތާބޫ ފެނިގެންދާނީ ނުފޫޒުގަދަ ވިލަންއެއްގެ ރޯލުންނެވެ. މިއީ މި ދެ ތަރިންގެ ފަރާތުން ފެންނާނެ މުޅިން ތަފާތު އަދި އާ ބަދަލެކެވެ.

ނާގަރްޖުނާ އާއި ތާބޫ އެންމެ ފުރަތަމަ ސްކްރީނުން އެކުގައި ފެނިގެންދިޔައީ "ސިސިންދްރީ" އިންނެވެ. އޭގެ ފަހުން 1996 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ނިންނޭ ޕެއްލަދާތާ" އިން މި ދެ ތަރިންގެ ކެމިސްޓްރީއަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ފިލްމަށް ވަނީ ތެލެގޫ ބަހުން އުފެއްދި އެންމެ މޮޅު ފިލްމުގެ ނެޝަނަލް އެވޯޑްވެސް ލިބިފައެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި "އާވިދާ މާ އާވިދޭ" އިންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ތާބޫ ވަނީ "މަގްބޫލް"، "ހައިދަރު"، "އަންދާދުން" އަދި "ފިތޫރު" ފަދަ ފިލްމުތަކުން އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. ހަމައެހެންމެ ނާގަރްޖުނާ އަކީވެސް ތަފާތު އެކި ބަސްބަހުން އުފައްދާ ފިލްމުތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ތަރިއެކެވެ.

28 އަހަރަށްފަހު މި ދެ ތަރިން "ކިންގް 100" އިން ބައްދަލުވާއިރު، މިއީ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެކެވެ.



ކިޔުންތެރިންގެ ހިޔާލު