އެކި އުމުރުފުރާގެ ކުދިން ސިއްހީ އެހީތެރިކަން ހޯދަމުންދާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯއެއް
އެކި އުމުރުފުރާގެ ކުދިން ސިއްހީ އެހީތެރިކަން ހޯދަމުންދާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯއެއް
ކޮންމެ ކުއްޖަކަށްމެ ތައުލީމު އުނގެނުމުގެ ހައްގު ލިބިގެންވާކަމާއި، ކުދިން ގަވާއިދުން ސްކޫލަށް ފޮނުވުމަކީ އާއިލާތަކާއި، ސްކޫލްތަކާއި އަދި ސަރުކާރުގެ ވެސް ބޮޑު ޒިންމާއެކެވެ. މި ޒިންމާގެ ވާހަކަ ދައްކަވަމުން، އެކަށީގެންވާ ސަބަބެއް ނެތި ކުދިން ސްކޫލަށް ނުފޮނުވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިވަނީ ދެއްވާފައެވެ. މި އިންޒާރާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިހާރު ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ހުން ރޯގާއާއި ޑެންގޫ، ބޭރަށް ހިންގުން އަދި ހިމަބިހި ފެތުރެމުންދާ މިންވަރު މިނިސްޓަރަށް އޮޅުންފިލާފައި ނެތީތޯއެވެ؟

މިނިސްޓަރު ވިދާޅުވީ، މި ދުވަސްވަރު 8,000 އެއްހާ ދަރިވަރުން އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ކަމަށެވެ. މިއީ މުޅި ގައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ބަލައި، އެއްވެސް ސަބަބަކާ ނުލައި ސްކޫލަށް ނުދާ ކުދިންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މާލޭގެ ޕްރިންސިޕަލުންނަށް މިހާރު ވަނީ އަންގަވާފައެވެ. މިއީ ޕީޕީއެމްގެ ސަރުކާރުން ފެށިގެން ހާޒިރީއަށް ދެމުން އަންނަ ހާއްސަ ސަމާލުކަމެއްގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ގައުމެއްގެ ތައުލީމީ ނިޒާމު ހިންގަންވާނީ އެ ގައުމެއްގެ އާންމު ހާލަތަށް ރިއާޔަތްކޮށްގެންނެވެ. މިއަދު މާލޭގެ ހާލަތަށް ބަލާއިރު، ހޮސްޕިޓަލްތަކާއި ކްލިނިކްތައް އޮތީ ބަލި މީހުންނާއިގެން ފުރިފައެވެ. ހުސްވި ޖޫން މަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބެލިނަމަވެސް މާލޭގައި ހުން ރޯގާއާއި ޑެންގޫ، ބޭރަށް ހިންގުން އަދި ހިމަބިހި ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަން ދޭހަވެގެން ދެއެވެ. ހަލުވި ސްޕީޑްގައި ބަލިތައް ފެތުރެމުންދާ ދަނޑިވަޅެއްގައި، ކުޑަކޮށް ބަލީގެ އަލާމާތެއް ހުރި ނަމަވެސް ކުއްޖާ ސްކޫލަށް ނުފޮނުވުމަކީ އެހެން ކުދިންގެ ސަލާމަތަށްޓަކައި ކުރެވޭ އެންމެ މުހިންމު މަސައްކަތެވެ.





ސްކޫލަށް ހާޒިރުވާ މިންވަރު ދަށްވަނީ އެއްވެސް މަގުބޫލު އުޒުރެއް ނެތި ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރުގެ ބަސްމަގު ހުރިއިރު، މިހާރު ހަލުވި ސްޕީޑެއްގައި ފެތުރެމުންދާ ހުން ރޯގާއާއި ޑެންގޫ އަދި ހިމަބިހި ފަދަ ބަލިމަޑުކަމަކީ "މަގުބޫލު އުޒުރެއް" ކަމުގައި ނުބެލެވެނީތޯއެވެ؟ ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ފެތުރެން ފެށުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިހާރު ދަނީ ވެކްސިން ޖެހުމަށްވެސް އިލްތިމާސްކުރަމުންނެވެ. ހުސްވި ޖޫން މަސް ނިމުނު އިރު ރާއްޖެއިން 66 މީހުންނަށް މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު މިބަލީގެ އަލާމާތްތަކަށް ސަމާލުވެ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އާންމު ތަންތަނަށް ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ސިއްހީ މުއައްސަސާތަކުން ރައްކާތެރިވުމަށް އިރުޝާދު ދެމުންދާއިރު، ތައުލީމީ ވުޒާރާއިން ފިޔަވަޅު އެޅުމުގެ އިންޒާރު ދިނުމަކީ އާއިލާތަކަށް ދެވޭ ނުބައި މެސެޖެކެވެ. މިއީ ތައުލީމަށްވުރެ ބޮޑަށް ކުދިންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ.



ކުދިން ސްކޫލަށް ހާޒިރުވުމަށް ބާރުއެޅުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެކަން ކުރަންވާނީ ގައުމުގެ ސިއްހީ ހާލަތަށާއި އާއިލާތަކަށް ދިމާވާ ހަގީގީ ދަތިތަކަށް ބަލައިގެންނެވެ. ހަމައެކަނި ފިޔަވަޅު އެޅުމުގެ ބަދަލުގައި، މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރު ހާޒިރީގެ އުސޫލުތަކަށް ލުއިދީ، ކުދިންގެ ސިއްހީ ރައްކާތެރިކަމަށް އިސްކަންދިނުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ. ބަލިމަޑުކަން ފެތުރޭ މިންވަރު ނޭނގި ނުވަތަ އެކަމަށް ފަރުވާލެއް ނެތި ފިޔަވަޅު އަޅަން އުޅުމަކީ މާ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު