ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކްރިތީ ސެނަން، އޭނާގެ ދަރިމައިވުމުގެ ފުރުސަތު ކުރިމަގަށްޓަކައި ރައްކާތެރިކުރުމުގެ ގޮތުން ބިސް ފްރީޒްކޮށްފައިވާކަން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

ކްރިތީ މިކަން ހާމަކުރީ "ހިއުމަންސް އޮފް ބޮމްބޭ" ޕޮޑްކާސްޓްގައި ވާހަކަދައްކަމުންނެވެ. ކްރިތީ ކިޔައިދިން ގޮތުގައި އޭނާ މި ޕްރޮސީޖަރ ކުރިއަށް ގެންދިޔައީ ނޭޝަނަލް އެވޯޑް ހޯދައިދިން ފިލްމު "މީމީ" އަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑުގެ ބަރުދަން އިތުރުކުރި ދުވަސްވަރުއެވެ. އޭނާ ބުނީ ބިސް ފްރީޒް ކުރުމުގެ ތެރޭގައި ހޯރމޯން އިންޖެކްޝަންތައް ޖަހަންޖެހުމުން ހަށިގަނޑު ބްލޯޓުވާ ކަމަށާއި، އެ ދުވަސްވަރަކީ ފިލްމަށްޓަކައިވެސް ބަރުދަން އިތުރުކުރަމުންދިޔަ ދުވަސްވަރަކަށް ވުމުން، އެއީ އެކަން ކުރަން އެންމެ އަމަލީ ގޮތުން ފަސޭހަ ވަގުތު ކަމަށް ނިންމީ ކަމަށެވެ.

"މިއީ އަޅުގަނޑު މި ވާހަކަ ހާމަކުރާ ފުރަތަމަ ފަހަރު. މިއީ އަންހެނަކަށް އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ކަމަށް މީހަކު ބުނި ވާހަކަ އަބަދުވެސް ހިތުގައި އޮވޭ. އެހެންވެ 'މީމީ' އަށް ބަރުދަން އިތުރުކުރަން ޖެހުނު ވަގުތަކީ މިކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކިގެން އެކަން ކުރީ،" ކްރިތީ ބުންޏެވެ.

ބިސް ފްރީޒް ކުރުމަކީ އަންހެނެއްގެ ބިސް ނަގައި، ގަނޑުކޮށް ރައްކާކުރުމެވެ. މިއީ ފަހުގެ ތާރީޚެއްގައި ދަރިމައިވުމުގެ ފުރުސަތު ހޯދުމަށް ގިނަ އަންހެނުން ކުރަމުންދާ ކަމެކެވެ.

2021 ވަނަ އަހަރު ރިލީޒްކުރި "މީމީ" އަކީ ސަރޮގޭޓް މަންމައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގައި ކްރިތީ ދެއްކި މޮޅު ހުނަރުގެ ސަބަބުން އޭނާއަށް ވަނީ 69 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރުން، ކްރިތީ އާއި އިނގިރޭސިވިލާތުގެ ވިޔަފާވެރިއެއް ކަމަށްވާ ކަބީރު ބާހިއާގެ ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ. މި ދެމީހުން ދާދިފަހުން މުމްބާއީގެ ރެސްޓޯރަންޓަކުން އެކުގައި ފެނިފައިވާއިރު، މީގެ ކުރިން ގްރީސްގައި ޗުއްޓީ ހޭދަކުރަނިކޮށްވެސް ފެނިފައިވެއެވެ. ނަމަވެސް މިހާތަނަށް ކްރިތީއާއި ކަބީރުވެސް މި ގުޅުމާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު