ރޭ މާލޭގެ ގ. ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ރޭ މާލޭގެ ގ. ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ރޭ މާލޭގެ ގ. ފުންފަޅުގެ 4 ވަނަ ފަންގިފިލާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 28 މީހަކަށް ފަރުވާ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 22:49 ހާއިރު ކަމަށާއި، ފަޔާ ފައިޓަރުން ކުރި ބުރަ މަސައްކަތުން ރޭ 23:48 ހާއިރު އަލިފާންގަނޑު މުޅިން ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށާއި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ފަރުވާ ދީފައިވާއިރު، ފަރުވާ ހޯދި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

އަލިފާން ރޯވި ފަންގިފިލާގެ އިތުރުން، އެ އިމާރާތުގެ އެހެން ބައެއް އެޕާޓްމަންޓްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވުމުން، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭއިން ދަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އިންތިޒާމުތަކުގެ އިތުރުން ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާއާ ގުޅިގެން 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު