ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސެލީނާ ޖެއިޓްލީ، ގާތްގަނޑަކަށް 15 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ. ސެލީނާގެ މި އެނބުރި އައުން އިއުލާންކޮށްފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ.

ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ރާމް ކަމަލް މުކަރްޖީ އުފައްދާ ބަޔޯޕިކް ފިލްމެއްގައި ސެލީނާ ފެނިގެންދާނީ "ސިސްޓަރ ނިބެދިތާ" ގެ ރޯލުންނެވެ. މި ފިލްމަކީ އަރިތުރާ ދާސް އަދި ސަރުބާނީ މުކަރްޖީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ސެލީނާގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އޭނާ މިހާރު ދަނީ ކައިވެނި ރޫޅުމުގެ މައްސަލައަކާއި ކުދިންގެ ބެލެނިވެރިކަމުގެ މައްސަލައެއްގައި ކޯޓުގައި ވަކާލާތު ކުރަމުންނެވެ. މީގެ އިތުރުން، ޔޫއޭއީގެ ބަންދުގައި ހުރި އޭނާގެ ކޮއްކޮ، ރިޓަޔަރޑް މޭޖަރ ވިކްރަންތު ކުމާރު ޖެއިޓްލީ އެނބުރި އިންޑިއާއަށް ގެނައުމަށްޓަކައިވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ މޯޝަން ޕޯސްޓަރު އިންސްޓަގްރާމްގައި ހިއްސާކުރަމުން ސެލީނާ ލިޔެފައިވަނީ، ސިސްޓަރ ނިބެދިތާގެ ދިރިއުޅުމުގެ ދަތުރާއި އޭނާގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅޭ ކަމަށެވެ. ވިލާތުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އިންޑިއާއަށް އެނބުރި އައީ އަރާމު ދިރިއުޅުމަކަށް ނޫން ކަމަށާއި، ދިރިއުޅުން އަލުން ބިނާކޮށް މަގްސަދެއް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

ސެލީނާ ބުނި ގޮތުގައި، މި ރޯލަކީ ހަމައެކަނި އެކްޓް ކުރުމެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި ހިތްދަތި ކަންތައްތަކުން އަރައިގަނެ، އަމިއްލަ ނަފްސު އަލުން ހޯދުމަށް ކުރާ މަސައްކަތެކެވެ. "މާ ކާލީ ކަލޭގެ ފުނޑުފުނޑުކޮށްލަނީ ހަލާކުކޮށްލާކަށް ނޫން. އެއީ ތިމާގެ ކިބައިގައިވާ ދޮގު ސިފަތައް ނައްތާލައި، އެންމެ ވަރުގަދަ އަދި ތެދުވެރި ސިފަ ދެއްކުމަށްޓަކައި،" ސެލީނާ ލިޔެފައިވެއެވެ.

2000 ގެ އަހަރުތަކުގައި "ޖަނަޝީން"، "ނޯ އެންޓްރީ"، "އަޕްނާ ސަޕްނާ މަނީ މަނީ" އަދި "ގޯލްމާލް ރިޓާންސް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންދިޔަ ސެލީނާ އެންމެ ފަހުން ފެނިފައިވަނީ 2011 ވަނަ އަހަރު ރިލީޒްކުރި "ތޭންކް ޔޫ" އިންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު "ސީޒަންސް ގްރީޓިންގްސް" ކިޔާ ކުރު ފިލްމަކުން އޭނާ ފެނުނު ނަމަވެސް، މިއީ ގިނަ ދުވަސްތަކަކަށްފަހު އޭނާ ކުޅޭ ފުރިހަމަ ފީޗަރ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު