ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ" އަށް ސެންސަރު ބޯޑުގެ ހުއްދަ ނުލިބި، ފިލްމު ރިލީޒްކުރުން އިތުރަށް ލަސްވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ކުރިން "ބެޓްލް އޮފް ގަލްވާން" ގެ ނަމުގައި އުފައްދަން ފެށި މި ފިލްމު، ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީ.ބީ.އެފް.ސީ) އިން ހިފަހައްޓާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިތުރު އަންގަންދެން ސެންސަރު ބޯޑުން ވަނީ ފިލްމަށް ދޫކުރަންޖެހޭ ސެޓިފިކެޓް ހިފަހައްޓާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މި ފިލްމަކީ ކުރިން މިއަހަރުގެ އޭޕްރީލް މަހު ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. އެހެންނަމަވެސް، ފިލްމަށް ގެނައި ބަދަލުތަކަކާއި އަލުން ބައެއް މަންޒަރުތައް ނަގަން ޖެހުމުގެ ސަބަބުން ފިލްމު ވަނީ ފަސްކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ފިލްމުގައި "ޗައިނާ" މި ބަސް ބޭނުން ނުކުރުމަށް އެންގުމާ ގުޅިގެން، ފިލްމުގެ ބައެއް މަންޒަރުތައް ވަނީ އަލުން ނަގާފައެވެ.

ފިލްމުގެ ނަން "މާތުރޫބޫމީ" އަށް ބަދަލުކުރުމާ ގުޅޭގޮތުން ޑައިރެކްޓަރު އަޕޫރްވާ ލަކްހިއާ ބުނީ، މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ހަމައެކަނި ހަނގުރާމައެއްގެ މައްޗަށް ނޫން ކަމަށާއި، މިއީ އިންސާނިއްޔަތާއި ސިފައިން ކުރާ ނުފެންނަ ހަނގުރާމަތަކުގެ މައްޗަށް ބިނާވެފައިވާ އަސަރުގަދަ ވާހަކައެއް ކަމަށް އޭނާ ހާމަކުރިއެވެ.

މިހާރު ބެލެވޭ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އަންނަ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް ސެންސަރު ބޯޑުގެ ހުއްދަ ނުލިބި ލަސްވަމުންދާތީ، ސަލްމާންގެ ފޭނުން ތިބީ ފިލްމު ރިލީޒްކުރާނެ ތާރީޚެއްގެ އިންތިޒާރުގައެވެ. "މާތުރޫބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" ގެ ނަމުގައި ނެރޭ މި ފިލްމުގެ ސެޓިފިކޭޝަން މައްސަލަ ހައްލުވާނެ ދުވަހަކަށް މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު