އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސަންޖްގެ އިންތިޒާރުން ފުރިގެންވި ފިލްމު 'ޕަންޖާބު 95'، ސެންސަރު ބޯޑާއެކު ކުރި ދިގު ހަނގުރާމައަކަށްފަހު، 'ސަތުލުޖް'ގެ ނަމުގައި އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކޮށްފިއެވެ.

މި ފިލްމު ނެރެފައިވަނީ ޒީ5 މެދުވެރިކޮށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ހަނީ ތުރެހާން ޑައިރެކްޓްކޮށް، އާރް.އެސް.ވީ.ޕީ އަދި މެކްގަފިން ޕިކްޗާސް އިން އުފައްދާފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ދިލްޖީތުގެ އިތުރުން އަރުޖުން ރަމްޕާލް، ކަންވަލްޖީތު ސިންގް، ސުވިންދަރު ވިކީ އަދި ގީތިކާ ވިދްޔާ އޯލްޔާން ފެނިގެންދެއެވެ.

މި ފިލްމަކީ 1990 ގެ އަހަރުތަކުގައި ޕަންޖާބު ފުލުހުން ސިކުންގެ ޒުވާނުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ގަތުލުއާންމުތަކާއި، ގާނޫނުން ބޭރުން މީހުން މެރުމުގެ ހާދިސާތައް ދުނިޔެއަށް ހާމަކޮށްދިން އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ޚަލްރާގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޚަލްރާއަކީ 1995 ވަނަ އަހަރު ފުލުހުން ވަގަށް ނަގައި، މަރާލި މީހެކެވެ. އޭނާ މަރާލި މައްސަލާގައި ފަހުން ޕަންޖާބު ފުލުހުންގެ ހަ އޮފިސަރަކު ވަނީ ކުށްވެރިވެފައެވެ.

ފިލްމު ރިލީޒްކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ސެންސަރު ބޯޑުން ފިލްމުގެ 120 އަށްވުރެ ގިނަ މަންޒަރު ކަނޑަން އެންގުމެވެ. ނަމަވެސް، ގިނަ މަސައްކަތްތަކަކަށްފަހު ފިލްމުގެ ނަން 'ސަތުލުޖް' އަށް ބަދަލުކޮށް މިހާރު ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

މި ފިލްމާ ބެހޭގޮތުން ދިލްޖީތު ބުނީ، "ޖަސްވަންތު ސިންގް ޚަލްރާގެ ގުރުބާނީއާއި އިންސާނިއްޔަތަށް އޭނާ ކޮށްދެއްވި މަސައްކަތަކީ މި ފިލްމުގައި ބައިވެރިވާން އަހަރެން ނިންމި އެންމެ ބޮޑު ސަބަބު" ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ މާނަފުން އަދި ޒިންމާދާރު ރޯލުކަންވެސް އޭނާ ފާހަގަކުރިއެވެ.

ޑައިރެކްޓަރު ހަނީ ތުރެހާން ބުނިގޮތުގައި، މި ފިލްމަކީ ހަމައެކަނި އެކެއްގެ ވާހަކައެއް ނޫން ކަމަށާއި، މިއީ އަނިޔާވެރިކަމާ ދެކޮޅަށް އިންސާނުން ދައްކާ ހިތްވަރާއި ސާބިތުކަމުގެ ރަމްޒެކެވެ.

ގެއްލިފައިވާ 25،000 އަށްވުރެ ގިނަ މީހުންގެ ހައްގުގައި ޖަސްވަންތު ސިންގް ކުރި ދިގު ހަނގުރާމައާއި، އެކަމަށްޓަކައި އޭނާ އަމިއްލަ ފުރާނައިން ދެއްކި އަގުގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ތާރީޚުގެ އަނދިރި ސަފުހާތަކެއް ހާމަކޮށްދޭ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު