ޔަޝް ރާޖް ފިލްމްސް (ވައި.އާރް.އެފް) ގެ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ލީޑް ފިލްމު "އަލްފާ" އިއްޔެ ސިނަމާތަކަށް ނެރެފިއެވެ.

ބޮޑު އުންމީދުތަކަކާއެކު ރިލީޒްކުރި ނަމަވެސް، ފުރަތަމަ ދުވަހު މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ ހީކުރިވަރަށް ވުރެ ދަށް ތަރުހީބެކެވެ.

ވިޔަފާރި ޚަބަރުތައް ބަލާ "ސެކްނިލްކް" އިން ހާމަކޮށްފައިވާ ގޮތުގައި، އާލިއާ ބަޓް އާއި ޝަރުވަރީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާއިން ލިބިފައިވަނީ 9 ކްރޯޑް ރުޕީސްއެވެ. މިއީ މުޅި އިންޑިއާގައި 7،534 ޝޯއާއެކު ދައްކަން ފެށި ފިލްމަކަށް ބަލާއިރު މަދު އަދަދެކެވެ.

މި ފެށުމަކީ ވައި.އާރް.އެފް ސްޕައި ޔުނިވާސްގެ ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ދަށް ފެށުމެވެ. މި ފްރެންޗައިޒްގެ "ވޯ 2" އަށް ފުރަތަމަ ދުވަހު 52 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ޝާހްރުކް ޚާންގެ "ޕަތާން" އަށް ފުރަތަމަ ދުވަހު 57 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. ނަމަވެސް، އާލިއާގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ" އަށް ފުރަތަމަ ދުވަހު ލިބުނު 4.55 ކްރޯޑް ރުޕީސްއާ އަޅާބަލާއިރު "އަލްފާ" ގެ ފެށުން ރަނގަޅެވެ.

ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އާލިއާ އާއި ޝަރުވަރީގެ އިތުރުން ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. އަދި ހްރިތިކް ރޯޝަން "ކަބީރު" ގެ ކެރެކްޓާއިން މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނެއެވެ. މި ފިލްމަކީ ޝަރުވަރީއަށް ވަރަށް ހާއްސަ ފިލްމެކެވެ. ސަބަބަކީ އޭނާގެ "މޭން ވާޕަސް އާއުންގާ" ސިނަމާތަކުގައި ދައްކަމުން ދަނިކޮށް، އެއް މަސް ތެރޭގައި އޭނާގެ ދެވަނަ ފިލްމެއް ސިނަމާއަށް އައުމެވެ.

2 ގަޑިއިރާއި 20 މިނެޓުގެ މި ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން ލިބެމުންދަނީ އެކި ކަހަލަ ޚިޔާލުތަކެވެ. ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި ފިލްމުގެ އެކްޝަން މަންޒަރުތަކާއި، އަންހެނުން އިސްވެ ތިބެ ކުރާ ހަނގުރާމައިގެ މަންޒަރުތައް ވަރަށް ފުރިހަމައެވެ. ހާއްސަކޮށް އާލިއާގެ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

ސެންސަރު ބޯޑުން "+ޔޫއޭ 16" ސެޓްފިކެޓް ދީފައިވާ މި ފިލްމަށް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭ ތަރުހީބު އިތުރުވާނެ ކަމަށް ފިލްމީ ދާއިރާގެ މާހިރުން އުންމީދު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު