އެމެރިކާގެ ރައީސް ޑްނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑްނަލްޑް ޓްރަމްޕް
ޖުލައި 4 ވަނަ ދުވަހު ބިޓްކޮއިންގެ އަގު 1.69 އިންސައްތަ ކުރިއަރައި، ގާތްގަނޑަކަށް 62,523 ޑޮލަރަށް ވަނީ އުފުލިފައެވެ. މިއީ އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެ، ބޮޑެތި ކުންފުނިތަކުން ކްރިޕްޓޯ މާކެޓަށް އިންވެސްޓްކުރަން ފެށުމާ ގުޅިގެން އައި ބަދަލެކެވެ.

ބިޓްކޮއިންގެ އަގު އުފުލެން ފަށާފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ އާއިލާގެ ކްރިޕްޓޯ އާމްދަނީ ދިފާއުކުރައްވައި ސީއެންބީސީއަށް ދެއްވި އިންޓަވިއުއަކަށް ފަހުގައެވެ. ޓްރަމްޕް ވިދާޅުވީ ޑިޖިޓަލް އެސެޓްތަކުން ނަފާ ހޯދުމަކީ ގޯހެއް ނޫން ކަމަށާއި، އެމެރިކާއަކީ ކްރިޕްޓޯގެ ދާއިރާއިން ދުނިޔޭގެ ލީޑަރަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ޓްރަމްޕްގެ ކްރިޕްޓޯ އިންވެސްޓްމަންޓްތަކުން މަދުވެގެން 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއާއެކު އެމަނިކުފާނު ވެފައިވަނީ މި ދާއިރާއިން އެންމެ ބޮޑު އާމްދަނީއެއް ހޯއްދަވާ ސިޔާސީ ބޭފުޅުންގެ ތެރެއިން އެކަކަށެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ބޮޑެތި އިންވެސްޓަރުން ވަނީ 270,000 އަށްވުރެ ގިނަ ބިޓްކޮއިން ގަނެފައެވެ. މީގެ އިތުރުން، އެމެރިކާގެ ބިޓްކޮއިން އީޓީއެފް (ETF) ތަކަށް ޖުލައި 2 ވަނަ ދުވަހު އެކަނިވެސް 221.7 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވަނީ ވަދެފައެވެ.

އިންވެސްޓަރުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ އެމެރިކާގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ދައްކައިދޭ ތަފާސްހިސާބުތަކަށެވެ. މި ހިސާބުތަކަށް ބިނާކޮށް ބިޓްކޮއިންގެ އަގަށް ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު