ލާއޯސް ބޯޑަރު ސަރަހައްދުގައި އޮންނަ ތައިލޭންޑްގެ މުކްދަހާން ޑިސްޓްރިކްޓް ގައި އެކްސިޑެންޓްވެފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ރޮއިޓާސް
ލާއޯސް ބޯޑަރު ސަރަހައްދުގައި އޮންނަ ތައިލޭންޑްގެ މުކްދަހާން ޑިސްޓްރިކްޓް ގައި އެކްސިޑެންޓްވެފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: ރޮއިޓާސް
ތައިލެންޑުގެ އިރުއުތުރުގެ ސަރަހައްދެއް ކަމަށްވާ މުކްދަހާންގައި، 11 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މައިންބަފައިންގެ ޕިކަޕް ސިއްރުން ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓި، މަގުމަތިން ހިނގާފައި ދިޔަ ބުދުދީނުގެ ފާދިރީންތަކެއްގެ ގާފިލާއެއްގައި ޖެހި ހިތާމަވެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި މިހާތަނަށް މަދުވެގެން ނުވަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އެ ސަރަހައްދުގެ ރެސްކިއު ގްރޫޕަކުން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ރީނދޫ ކުލައިގެ ފޭރާމުގައި ތިބި ފާދިރީންތަކެއް މަގުގެ އެއްފަރާތުން ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި އައި ޕިކަޕުން ވަނީ އެމީހުންގެ ގައިގައި ބާރަށް ޖައްސާފައެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެ ގައުމުގެ ގަޑިން 11:00 ހާއިރު، ވެރިރަށް ބެންކޮކާ ގާތްގަނޑަކަށް 650 ކިލޯމީޓަރު ދުރުގައި އޮންނަ މުކްދަހާން ސިޓީގައެވެ.

މުކްދަހާން ޕްރޮވިންސްގެ ގަވަރުނަރު ވޮރަޔަން ބުނަރަތު މައުލޫމާތު ދެއްވި ގޮތުގައި، އެ ސަރަހައްދުގެ ފައްޅިއަކުން އަވަށްޓެރި އުބޮން ރަޗަތާނީގައި ހުންނަ ފައްޅިއަކަށް ދީނީ ހިނގާލުމެއްގައި ދިޔަ މި ގާފިލާގައި 34 ފާދިރީންނާއި ފަސް އާންމުން ހިމެނެއެވެ. މި އެކްސިޑެންޓުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާވެ މަގުމައްޗަށް ވެއްޓިފައިވާއިރު، އެމީހުން ގެންގުޅުނު ތަކެތި ވެސް ވަނީ މަގުމައްޗަށް ބެހެލިފައެވެ.

މި ހާދިސާގައި ފަސް މީހަކު އެތަނުގައި މަރުވިއިރު، ތިން މީހަކު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަދި ފަހުން ނުވަވަނަ މީހަކު މަރުވިކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ތިން މީހެއްގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ކުއްޖާ ޕިކަޕް ދުއްވާފައިވަނީ މައިންބަފައިންނަށް ނޭނގި ސިއްރުންނެވެ. ގާތްގަނޑަކަށް 10 ކިލޯމީޓަރަށް އޭނާ އުޅަނދު ދުއްވި ފަހުން، ކޮންޓްރޯލުން ނެއްޓި މި ބޮޑު އެކްސިޑެންޓް ހިނގަން މެދުވެރިވީއެވެ. ޕްރޮވިންޝަލް ފުލުހުންގެ ވެރިޔާ މޭޖަރ ޖެނެރަލް ޕައިރޯޖް ތައިފުތުރާ ވިދާޅުވީ، އެ ކުއްޖާ ހުރީ ވަރަށް ބޮޑު ސިހުމެއްގެ ތެރޭގައި ކަމުން، އަދި އޭނާއާ ސުވާލުކޮށް ބަޔާން ނެގޭ ވަރު ނުވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް އެއްވެސް މީހަކަށް ރަސްމީކޮށް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ތައިލެންޑަކީ ދުނިޔޭގެ ނިސްބަތުން މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނަ އެއް ގައުމެވެ. މިކަމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ބާރު މިނުގައި ދުއްވުމާއި، މަސްތުވެގެން ދުއްވުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުމުގައި ހުރި ބަލިކަށިކަން ފާހަގަކުރެވެއެވެ.

ގަވަރުނަރު ބުނަރަތު އިތުރަށް ވިދާޅުވީ، މިއީ މުޅި މުޖުތަމައުއަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ތައިލެންޑުގެ އާބާދީގެ ބޮޑު ބަޔަކީ ބުދުދީނަށް ތަބާވާ މީހުން ކަމަށްވާއިރު، އެ ގައުމުގައި ފާދިރީންނަކީ ވަރަށް ބޮޑު އިހުތިރާމެއް ދެވޭ ބައެކެވެ. އެހެންކަމުން މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ހިތާމައެއް ފެތުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު