ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކަށް އައްޔަންކުރަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ސޯބެ އައްޔަންކުރަން ނިންމާފައިވަނީ އެމްޑީޕީން އެދިފައިވާ ފަދައިން މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއެއް ކަމަށްވާ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭ ގޮތުގެ ރިޕޯޓް އިއްވައި، އެ ރިޕޯޓް ފާސްކޮށްފައި ވަނީ އެމްޑީޕީ މެންބަރުންވެސް ހިމެނޭހެން ޖުމްލަ 68 މެންބަރުންގެ ވޯޓުންނެވެ.

ސޯބެއަށް މަޖިލީހުގެ ކޮމިޓީތަކުން ޖާގަދީފައި ނުވާތީ، އެމްޑީޕީގެ މެންބަރުން މީގެކުރިން ވަނީ މަޖިލީހުގެ ތަޅުމުގައި ބޮޑު އިޙްތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ހިމެނޭހެން ޖުމްލަ 9 މެންބަރެއްގެ ނަން އިއްވައި އެދުވަހު ތަޅުމުން ބޭރުކޮށްފައެވެ.

މި މައްސަލާގައި ކޯފާ އިސްކުރައްވައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މީގެކުރިން ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ މެންބަރަކަށް މަދުވެގެން ދެ ކޮމިޓީއަކުން ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީން ބޭނުންވާ ވަކި ދެ ކޮމިޓީއަކަށް ވާކަށް ނުޖެހޭނެ ކަމަށާއި، ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާކަށް ނުޖެހޭ. ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، އެ ޕާޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ މި މަހުގެ 15 ވަނަ ދުވަހު މެންބަރުކަމުގެ ހުވާކުރެއްވި ސޯބެއަށް އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައި ނުވާތީ ކަމަށެވެ. އާންމުގޮތެއްގައި މަޖިލީހުގެ މެންބަރުން ކޮމިޓީތަކަށް އައްޔަނު ކުރަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ގޮތަށް އިސްކަން ދީގެންނެވެ.

ސޯބެ މަގާމުގެ ހުވާކުރެއްވުމާއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ. މި ބަދަލާ ގުޅިގެން ސިޔާސީ ޕާޓީތަކަށް ކޮމިޓީތަކުން ޖާގަ ލިބޭ ނިސްބަތަށް ބަދަލު އައިސް، އެމްޑީޕީއަށް ކޮމިޓީތަކުން އިތުރު ދެ ޖާގަ ވަނީ ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު