އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އެންމެ އިސް އޮފިޝަލް މާރކް ވޭން: އިރާން ވޯލްޑް ކަޕް އިން އަލްވަދާއު ކިއުމުން އުފާފާޅު ކޮށްފި
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އެންމެ އިސް އޮފިޝަލް މާރކް ވޭން: އިރާން ވޯލްޑް ކަޕް އިން އަލްވަދާއު ކިއުމުން އުފާފާޅު ކޮށްފި
އީރާނު ފީފާ ވޯލްޑް ކަޕުން ވަކިވުމާ ގުޅިގެން، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އެންމެ އިސް އޮފިޝަލް މާރކް ވޭން ފާޅުގައި އުފާފާޅުކޮށްފިއެވެ. މީގެ ސަބަބުން، ކުރިންވެސް ނުތަނަވަސްވެފައިވާ ދެ ގައުމުގެ ސިޔާސީ މަސްރަހަށް ވަނީ އިތުރު ހޫނުކަމެއް އައިސްފައެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވީ، އީރާނުގެ ވޯލްޑް ކަޕް ދަތުރު ނިމުމަކަށް އައުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ވޯލްޑް ކަޕްގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުލިން ވިދާޅުވީ، އީރާނުގެ ވަފުދު އެމެރިކާއިން ފުރައިގެން ދިއުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އެމީހުންގެ ކަންތައް ނިމި، އަނބުރާ ނާންނާނެތީ އަހަރެން އުފާކުރަން. އެމީހުންގެ ވިސާ ބާތިލްކޮށް، އެމެރިކާގެ ބިމުން ފޮނުވާލެވުމުން އަހަރެން ވަރަށް ބޮޑަށް އުފާވި. އެކަމުގެ އުފަލުގައި ލަވަކިޔައި ނުވަތަ ނެށުނު ކަމަށްވެސް ވެދާނެ،" މުލިން ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އީރާނަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު ކުރިން އޮތީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ނަމަވެސް، އީރާނުން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް އެއްވަރުކޮށް، ބަލިނުވެ ހިފަހައްޓާފައެވެ. އެހެންނަމަވެސް، މިސްރާ ދެކޮޅަށް ކުޅުނު ފަހު މެޗުގައި އޮފްސައިޑްގެ ސަބަބުން ލަނޑެއް ނުލިބުމުން، މުބާރާތުގެ ގަދަ 32 އަކަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަނީ ގެއްލިފައެވެ.

މުބާރާތުގެ ތެރޭގައި އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަމަލުކުރި ގޮތާމެދު ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. އެޓީމުގެ ހެޑް ކޯޗު އާމިރު ގަލެނޮއީ ވަނީ އޭނާގެ ޓީމަކީ މުބާރާތުގައި "އަނިޔާ ލިބިފައިވާ" ޓީމެއްގެ ގޮތުގައި ސިފަކޮށް، ސެކިއުރިޓީގެ ނަމުގައި ކުރިމަތިވި ހުރަސްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ފުރަތަމަ އީރާނުން ތަމްރީނުތައް ކުރިއަށް ގެންދަން ނިންމީ އެމެރިކާގެ އެރިޒޯނާގައެވެ. ނަމަވެސް ފަހުން އެޓީމުން ވަނީ މެކްސިކޯގެ ޓިޖުއާނާއަށް އެ ކޭމްޕް ބަދަލުކޮށްފައެވެ. އެޓީމުން މުބާރާތުގެ މެޗުތައް ކުޅެފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސް އާއި ސިއެޓްލްގައެވެ.

އީރާނުން އެންމެ ބޮޑަށް ޝަކުވާ ކުރި އެއް ކަމަކީ ކޮންމެ މެޗަކަށްފަހު ވަގުތުން ސްޓޭޑިއަމުން ނިކުންނަން އެމެރިކާގެ އޮފިޝަލުން މަޖުބޫރުކުރުމެވެ. މީގެ ރައްދުގައި މުލިން ވިދާޅުވީ، އެއީ ފީފާއާއެކު ކުރިން އެއްބަސްވެފައިވާ ގޮތެއް ކަމަށާއި، އެއީ ޓީމުގެ ރައްކާތެރިކަމަށްޓަކައި އަވަހަށް ކޭމްޕަށް ފޮނުވާލުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން އީރާނުގެ ސަރުކާރުގެ ފަރާތުން ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ކުޅިވަރުގެ މައިދާނުގައިވެސް އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު