މަރްޔަމް ނަހްދާ ވަޙީދު   30 ޖޫން 2026 - 15:17
ހިމަބިހި ޖެހިފައިވާ މީހެއް
ހިމަބިހި ޖެހިފައިވާ މީހެއް
މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން އިތުރު 44 މީހަކަށް ހިމަބިހި (މީސަލްސް) ޖެހި، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 66 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މީގެ ނުވަ އަހަރު ކުރިން، 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މި ބަލި އަލުން ރާއްޖެއިން ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އޭގެ ފަހުން ވޭތުވެދިޔަ ހަފުތާތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާތީ، ސިއްހީ ދާއިރާގެ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ދެނެގަތުމާއި، ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތައް މޮނިޓަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބަލިން ރައްކާތެރިވުމަށް ޖަހަންޖެހޭ އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ވައިގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވީތީ، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ސަރުކާރުގެ ސިއްހީ މުއައްސަސާތަކުން މިހާރު ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު