ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް
އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމީ ޚަރަދު ބޮޑުވެގެން ނޫން ކަމަށާއި، އެއީ އެމް.ޑީ.ޕީ އިން އަބަދުވެސް ފާހަގަކުރަމުން އައި ގޮތަށް ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ނިޔާޒް ވިދާޅުވީ، އެއްވެސް އިރެއްގައި އަތޮޅު ކައުންސިލް އުވާލަން އުޅުނީ ޚަރަދު ބޮޑުވެގެން ނޫން ކަމަށެވެ. "އަތޮޅު އެންމެން ވޯޓްލައިގެން ހޮވާ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމް އުވާލަން ދެއްކި ދެކޮޅު ނުޖެހޭ ވާހަކައެއް ކަން އެމް.ޑީ.ޕީ އިން އަބަދުވެސް ފާހަގަ ކުރި،" ނިޔާޒް ވިދާޅުވިއެވެ.



އަލީ ނިޔާޒް މިހެން ވިދާޅުވެފައި މިވަނީ، އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން މުވައްޒަފުންގެ ވަޒީފާ ގެއްލޭ ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އަތޮޅު ކައުންސިލްތަކުން ޖުމްލަ ގޮތެއްގައި މާ ގިނަ ވަޒީފާތަކެއް ނުގެއްލޭ ކަމަށެވެ. އަދި ބައެއް މަގާމުތައް އުވިފައިވަނީ ސިވިލް ސާވިސްގެ މިންގަނޑުތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މުއައްސަސާއެއް އުވިގެންދާއިރު އެ މުއައްސަސާއެއްގެ ޕީއެސް ނުވަތަ އެސްޖީއަކަށް ނުވަތަ ޒިންމާދާރު ވެރިޔާއަކަށް ހުންނަ ފަރާތުގެ މަގާމަކީ އުވޭ މަގާމެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮންނަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް މިހާރު ބަދަލުކުރެވިފައިވަނީ އެ އަތޮޅެއްގައި އެކި ކަހަލަ ޚިދުމަތްތައް ދިނުމަށް ކަނޑައެޅިފައިވާ އޮފީސްތަކަކަށް ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވެފައި ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެއްވެސް މުވައްޒަފަކު ތަފާތުކުރުމެއް ނެތި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވުނު ނަމަވެސް، އަތޮޅުގެ ރައްޔިތުންގެ މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާ، މިސާލަކަށް އަތޮޅު ގެތަކާއި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅު ރައްޔިތުންގެ އަތުން ސަރުކާރަށް ނުނަގާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު