ރައީސް ޑރ. މުޢިއްޒު
ރައީސް ޑރ. މުޢިއްޒު
ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި އާދީއްތަ ދުވަހު، މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައި ކަމަށެވެ.

"ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ފްރާންސްގެ އިރުއުތުރުގެ ރަށެއް ކަމަށްވާ ތޮމްބްލެއިންގައި އާދީއްތަ ދުވަހު ހިނގި މަތިންދާބޯޓު އެކްސިޑެންޓެއްގައި 11 މީހުން ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވީ ޕެރަޝޫޓް ގައި ފުންމާލަން ދަސްކޮށްދޭ ސްކޫލަކަށް ނިސްބަތްވާ ބޯޓެއްގައި ތިބި މީހުންނެވެ.

އެގޮތުން ބޯޓު ދުއްވަން އިން ޕައިލެޓުގެ އިތުރުން، ބޯޓުން ދަތުރުކުރި 10 ފަސިންޖަރުން ވެސް މި ހާދިސާގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރުވި ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ ޕެރަޝޫޓް ގައި ފުންމާލަން ދަސްކުރާ ފަސް ދަރިވަރުންނާއި ފަސް އިންސްޓްރަކްޓަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު