ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
ދިވެހި ރައްޔިތުން ވަކިވަކި ރަށްތަކަށް ނިސްބަތްކޮށް، "ދާއިމީ އެޑްރެސް" ބޭނުންކޮށްގެން މީހުން ދެނެގަތުމުގެ ބޯދާ ސަގާފަތް ނިމުމަކަށް ގެނެސް، ރަށްވެހިކަމުގެ ގާނޫނު އުވާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ފާހަގަކުރެއްވީ، މިހާރު އޮތް ނިޒާމަކީ ހަމައެކަނި އާއިލީ ފަސްމަންޒަރާއި ނަސަބަށް ބުރަވެފައިވާ، ޒަމާނާ ނުގުޅޭ އުސޫލެއް ކަމަށެވެ. މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން ނުވަތަ އެ މީހެއްގެ އެޑްރެސް އޮންނަ ރަށެއްގެ ސަބަބުން ދައުލަތުން ލިބޭ ހައްގުތަކާއި ފުރުސަތުތަކުގައި ތަފާތުތަކެއް ހުރުމަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި ދާއިމީ އެޑްރެހަކީ މީހާ އައިޑެންޓިފައި ކުރަން ގެންގުޅޭ މިންގަނޑެއް ނޫނެވެ. ރާއްޖޭގެ ގާނޫނުއަސާސީގައިވެސް ހުރިހާ ދިވެހިންނަކީ އެއް ހަމައެއްގައި ތިބެންޖެހޭ ބައެއްކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، ވަކި އެޑްރެހެއް އޮންނަން މަޖުބޫރު ނުކުރާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށްދާއިރު ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ. މީހާ އުޅޭ ތަނަކުން އޭނާއަށް ލިބޭ ހައްގުތައް ތަފާތުވެގެން ނުވާނެ،" ޝަމްހީދު ވިދާޅުވިއެވެ.

މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވަމުން ޝަމްހީދު ވިދާޅުވީ، މާލޭގައި ވިހާ ބޮޑުވާ ކުދިންނާއި އެތައް އަހަރަކު މާލޭގައި ދިރިއުޅޭ މީހުންނަށްވެސް އެ މީހުން ދިރިއުޅޭ މާހައުލުން ލިބެންޖެހޭ ރަށްވެހިކަމުގެ ފުރިހަމަ ހައްގުތައް ނުލިބޭ ކަމަށެވެ. މީގެ ސަބަބުން ގިނަ ބައެއްގެ އަސާސީ ހައްގުތަކެއް ގެއްލި، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ބާކީވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ރާއްޖޭގައި މިހާރު އޮތް ރަށްވެހިކަމުގެ ގާނޫނަކީ އުވާލަންޖެހިފައިވާ ގާނޫނެއް ކަމަށާއި، ހުރިހާ ދިވެހިންނަކީވެސް އެއްވެސް ތަފާތެއް ނެތް "ދިވެހި ރައްޔިތުން"ގެ ގޮތުގައި ބަލައިގަންނަ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް ޝަމްހީދު ވަނީ ބަހުސްގައި ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު