ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ކ. ހިންމަފުށީގައި އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހު ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރު މިކަން އިޢުލާން ކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް މިހާރު ހިންމަފުށީގައި ހުރި މަރުކަޒަކީ އެންމެ އެދެވޭ ގޮތެއްގައި ފަރުވާގެ ކަންކަން ކުރިއަށްދާ ތަނެއް ނޫން ކަމަށެވެ. އެހެންކަމުން، އަންނަ މަހުގެ ތެރޭގައި އެ ރަށުގައި ބިޔަ މަޝްރޫޢެއް ފަށައި، 18 މަސް ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރުގެ އައު ސެންޓަރުގެ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މިހާރުގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ފަދަ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވައި، އެ ދެ ތަންވެސް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި، ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު އެންޑީއޭއިން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތައްޔާރީތައްވެސް ދަނީ ވަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މިގޮތުން، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރިކަވަރީ ސަޕޯޓާއި ސައިކޯ ސޯޝަލް ސަޕޯޓް ދާއިރާއިން މީހުން ބިނާކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު