ގޭތެރޭގެ މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ ކަންތައްތަކެއް ނޫން ކަމަށް ބުނެ، މުޖުތަމައުގައި އަށަގަނެފައިވާ ބައެއް ބޯދާ ވިސްނުންތަކަށް ބައިނަލްއަގުވާމީ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ފާޑުކިޔައިފިއެވެ.

ފްރާންސްގެ ކާންސްގައި ބޭއްވި 'ކާންސް ލަޔަންސް' ފެސްޓިވަލްގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ، ކެއްކުމާއި ގޭތެރެ ސާފުކުރުމަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކުރުމަކީ މިހާރު ބަދަލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ކޮންމެ ބޮޑު މީހަކުވެސް ދިރިއުޅުމުގައި ދަސްކުރަންޖެހޭ އަސާސީ ހުނަރުތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ކެއްކުމާއި ސާފުކުރުމަކީ ހަމައެކަނި އަންހެނުންގެ މަސައްކަތެއް ނޫން. އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅޭ ކޮންމެ މީހަކުވެސް ކުރަންޖެހޭ އަސާސީ ކަންކަން. އަމިއްލަ ކަންނެތްކަން ފޮރުވުމަށްޓަކައި ޖިންސީ ތަފާތުކުރުންތައް ބޭނުންނުކުރޭ،" ޕްރިޔަންކާ ބުންޏެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ. ޕްރިޔަންކާ ބުނި ގޮތުގައި ކުރިން ފިލްމީ ދާއިރާއަށް ވަނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް މިހާރު ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން އަމިއްލަ އުފެއްދުންތައް ސީދާ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮތީ ހުޅުވިފައެވެ.

"މިހާރު އެމީހެއްގެ ހިތަށް އަންނަ ޚިޔާލެއް ވީޑިއޯކޮށްލާފައި ޔޫޓިއުބަށް ލުމުން އެއީ ބޮޑު ކާމިޔާބީއަކަށް ވެދާނެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ޒަމާނެއް،" އޭނާ ބުންޏެވެ.

ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަމުން ޕްރިޔަންކާ ވަނީ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީއާ އެކު އާ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ތައްޔާރުވަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ކަހަލަ މަސައްކަތެއްކަން އޭނާ ހާމައެއް ނުކުރެއެވެ. މީގެ އިތުރުން އޮލެންޑޯ ބްލޫމްއާ އެކު ވެސް އޭނާގެ އާ ޕްރޮޖެކްޓެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިޔަންކާގެ ކުރިއަށް ހުރި ބޮޑެތި ފިލްމުތަކުގެ ތެރޭގައި އެސް.އެސް ރާޖަމޯލީގެ 'ވާރަނާސީ' ހިމެނެއެވެ. މި ފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ތެލުގޫ ސުޕަރސްޓާ މަހޭޝް ބާބޫ އަދި ޕްރިތުވީރާޖް ސުކުމާރަން އެވެ.



ކިޔުންތެރިންގެ ހިޔާލު