ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް އެމްޑީޕީން އެދުނު މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައިނުވާތީ، އެކަމާ މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު މަޖިލީހުގެ ތަޅުމުގައި ބޮޑު އިހުތިޖާޖެއް ކޮށްފިއެވެ.

މި އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލުމުން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ހިމެނޭހެން ޖުމްލަ 9 މެންބަރެއްގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނަން އިއްވެވި މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް (ޕީޖީ ލީޑަރު)، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ.

މި މެންބަރުން އިހުތިޖާޖު ކުރަން ފެށީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުން ދިނުމާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީން ނިންމި ރިޕޯޓު، އެ ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ އިއްވަވަން ފެއްޓެވި ވަގުތުގައެވެ.

މިކަމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ މި މަހުގެ 15 ވަނަ ދުވަހު މެންބަރުކަމުގެ ހުވާކުރެއްވި ސޯބެއަށް އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައިނުވާތީ ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކޮންމެ މެންބަރަކަށް ވެސް ދެ ކޮމިޓީއަކުން ޖާގަ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންމެހެން ޕާޓީން ބޭނުންވާ ވަކި ކޮމިޓީތަކަކަށް ވާން ނުޖެހޭނެ ކަމަށް ވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

ނަމަވެސް މީގެ ކުރިން މަޖިލީހުގެ މެންބަރުން ކޮމިޓީތަކަށް އައްޔަނު ކުރަމުން ގޮސްފައިވަނީ، ޕާޓީތަކުން ހުށައަޅުއްވާ ގޮތަށް އިސްކަން ދެއްވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު