ވާރލްޑް ކަޕްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ޔަމާލް އުފާފާޅުކުރަނީ ކުރަނީ (ފޮޓޯ: އޭޕީ)
ވާރލްޑް ކަޕްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ޔަމާލް އުފާފާޅުކުރަނީ ކުރަނީ (ފޮޓޯ: އޭޕީ)
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި، އުމުރުން އެންމެ 18 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ އޭނާގެ ހައިރާންކުރުވަނިވި ހުނަރުވެރިކަން ދައްކާލައި، ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕޭނުގެ މި އުއްމީދީ ކުޅުންތެރިޔާއަކީ މިހާރުވެސް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ފަރާތެކެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން އޭނާގެ ފިޓްނަސްއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ބަހުސްތަކެއް ކުރެވުނު ނަމަވެސް، އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ފަލަސްތީނުގެ ހައްގުގައި ފާޅުގައި ވަކާލާތުކުރާ ހިތްވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ސައުދީ ސަޕޯޓަރުން ދިޔައީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެސީއާ މުޚާތަބުކޮށް ބޭނުންކުރި "މެސީ ކޮބައިތޯ؟" މި ޝިއާރުގެ ބަދަލުގައި "ޔަމާލް ކޮބައިތޯ؟" ގޮވައި އޭނާއަށް ގޮންޖަހަމުންނެވެ. މިއީ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ސްޕޭނުން ދެއްކި ފެންވަރު ދަށް ކުޅުމަށް އަމާޒުކޮށް ކުރި މަލާމާތަކަށް ވެސް ވެދާނެއެވެ.

ނަމަވެސް، ޔަމާލް ވަނީ ދަނޑުމަތީގައި އެންމެންގެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބު ދީފައެވެ. މެޗުގެ ކުރީކޮޅު އޭނާ ކާމިޔާބުކުރި ލަނޑާއެކު، އޭނާ ވެފައިވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭއަށްފަހު، ވޯލްޑް ކަޕެއްގައި ލަނޑު ޖެހި 18 އަހަރުން ދަށުގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ފެނިގެންދިޔައީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. މެޗަށްފަހު އޭނާގެ 44 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނަށް އިންސްޓަގްރާމް މެދުވެރިކޮށް ދިން މެސެޖަކީ "އަހަރެން މިހުރީ މިތާ" އެވެ.

އިޖުތިމާއީ ޒިންމާ އާއި އުއްމީދުތައް

މޮރޮކޯގެ ބައްޕައަކާއި އިކުއެޓޯރިއަލް ގިނީގެ މަންމައަކަށް އުފަން ޔަމާލަކީ އޭނާގެ ދީނީ އަގީދާއަށް ނުހަނު އިސްކަންދޭ މުސްލިމް ކުޅުންތެރިއެކެވެ. ލަނޑު ޖެހުމަށްފަހު ދަނޑުމަތީގައި އޭނާ ކުރި ސަޖިދައަކީ އޭނާގެ އިސްލާމީ އައިޑެންޓިޓީ މުޅި ދުނިޔެއަށް ހާމަކޮށްދިން ރީތި ނަމޫނާއެކެވެ. އަދި އޭނާ އުފާފާޅުކުރުމުގެ ގޮތުން ދައްކާލާ "304" ގެ ރަމްޒަކީ އޭނާގެ އަސްލާއި އުފަން ރަށް ހަނދާންކޮށްދޭ ނިޝާނެކެވެ.



ވާރލްޑް ކަޕްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ޔަމާލް ދަނޑުމަތީ ސަޖިދަ ކުރަނީ (ފޮޓޯ: އޭޕީ)


ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް އަޑުއުފުލުމާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ޔަމާލް ދެމިހުރީ އޭނާގެ ސާބިތު އަގީދާގެ މަތީގައެވެ. އަނިޔާލިބޭ މީހުންގެ ހައްގުގައި ވާހަކަދެއްކުމަކީ އޭނާއަށް ލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ސްޕޭނަށް ކާމިޔާބީ ހޯދައިދިނުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޔަމާލް ބުނީ، އެހެން މީހުން އޭނާއާ މެދު ކުރާ އުއްމީދުތަކަށްވުރެ، އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އުއްމީދު މާ ބޮޑު ކަމަށެވެ. "މިއީ އަދި ފެށުން ކަމަށާއި، ކުރިއަށް އޮތީ ދިގު ދަތުރެއްކަން އަހަރެން ދަންނަން. އަދި މިއަށްވުރެ މާ ބޮޑެތި ކާމިޔާބީތައް ހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،" 'އެލް ޕައިސް' ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު