މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކަފުޅު ދައްކަވަމުން، މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ޑިޖިޓަލް ނިޒާމުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައިފިއެވެ.

ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި މި ބިލަށް ތާއީދު ކުރައްވައި ޖަނާބު ވިދާޅުވީ، ބޭންކިން މުއާމަލާތްތަކުން ފެށިގެން ޓެކްސް ދެއްކުމާއި، ސިއްހީ ޚިދުމަތް ހޯދުމުގެ އިތުރުން ލޯނަށް އެދުން ފަދަ އެންމެހާ އަސާސީ ކަންކަން މިހާރު ކުރެވެނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށެވެ.

މެންބަރު ޖަނާބު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށް ދަނީ ޑިޖިޓަލްކޮށް ކަމަށާއި، މެންބަރުން ވޯޓު ދެއްވަނީ ވެސް އަދި މަޖިލީހުގެ ކަންކަން ބައްލަވަނީ ވެސް ޑިޖިޓަލް ސްކްރީންތައް ބޭނުންކޮށްގެން ކަމަށެވެ. މި ހަގީގަތްތައް ހުރިއިރު، އީ-ވޯޓިން ނުވަތަ ޑިޖިޓަލް ވޯޓިން ނިޒާމަކަށް ދިއުމަށް ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވައި، ބިލުގެ އަސްލު މަގްސަދު އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި ޖަނާބު ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންތެރި އަސާސީ ބިލެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ގައުމަށް ތަރައްގީ ގެނެސް، ޒުވާނުންގެ އަތްފައި މިނިވަންވެ، ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު