ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ތައްޔާރުވެއްޖެއެވެ.

ސަރުކާރުން މިއިސްލާޙް މަޖިލީހަށް ހުށައަޅަން ނިންމާފައިވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް ނާަންނަ ކަމަށާއި، ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަން އުޅެނީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫން އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލުގެ ފުރަތަމަ ކިއުން އިއްވަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ. ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައެވެ.

ހަމައެއާއެކު، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުން މިފަދަ ބޮޑު ބަދަލަކަށް އަނެއްކާވެސް ތައްޔާރުވަމުން ދާއިރު، މިސަރުކާރުން ވޭޕް މަނާކުރުމާއި ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުރުމުގެ ސަބަބުން، ވޭޕާއި އަގުހެޔޮ ބްރޭންޑްތަކުގެ ސިނގިރޭޓް ވަގަށް އެތެރެކޮށް ވިއްކުމުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ. މީގެ ސަބަބުން ދައުލަތަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ގެއްލެމުންދާކަން ވެސް ފާހަގަކުރެވެއެވެ

2024 ވަނަ އަހަރު، މިސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށް، އެޑްވަލޮރަމް ޓެކްސް ވެސް ބޮޑުކޮށްފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިން، ސިނގިރޭޓުން ނަގާ ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ދެގުނަ ކުރުމުގެ އިތުރުން، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ވޭޕާއި އީ-ސިނގިރޭޓް މަނާކޮށް، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ސިޔާސަތެއް ތަޢާރަފުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު